އަބްދުﷲ ދީދީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހަމަޖައްސައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ފަނޑިޔާރު އަބްދުﷲ ދީދީ މިއަދު ހަމަޖައްސައިފި އެވެ.
ޖޭއެސްސީއިން ބުނީ، އަބްދުﷲ ދީދީ އެ މަގާމަށް އައްޔަންކުރީ އެކޮމިޝަންގައި މިއަދު ނެގި ސިއްރު ވޯޓަކުންނެވެ. އެހެން ނަމަވެސް ޖޭއެސްސީއިން އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިދިޔަ މަހުގެ 31 ވަނަ ދުވަހު އިއުލާން ކުރިއިރު، އަބްދުﷲ ދީދީގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލީ ކޮން ބޭފުޅުންނެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.
އަބްދުﷲ ދީދީ މީގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގައެވެ. އެހެންނަމަވެސް އަބްދުﷲ ދީދީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުންނެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް ކޮންމެ މަހަކުވެސް މުސާރައާއި އިނާޔަތްތަކާއި އެކު ޖުމްލަ 54000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސްއާއި ފޯން އެލަވަންސެއް ވެސް ލިބިވަޑައިގަންނަވަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ފަނޑިޔާރު ޝުއައިބާއި ފަނޑިޔާރު ޣަނީއާއި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ހައިކޯޓުގެ ދެކުނު ގޮތްޕަށް އައްޔަންކުރައްވާފަ އެވެ. ހައިކޯޓު ދެކުނު ގޮފީގެ އިސް ފަނޑިޔާރަކީ، ފަނޑިޔާރު އަބްދުލްޣަނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ