އަބްދުﷲ ގާޒީ ދޫކޮށްލަން އައިސީޖޭއިން ގޮވާލައިފި

ސިފައިން ހައްޔަރުކޮށްގެން ގެންގުޅޭ ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރު އަބުދުﷲ މުހައްމަދު މިނިވަންކޮށް ދޫކޮށްލުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އިން ގޮވާލައިފި އެވެ.
އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްގެ އޮސްޓްރޭލިއާގެ ގޮފީގެ ރައީސް ޖޯން ޑައުޑް ވިދާޅުވި ކަމަށް އެ ހަބަރުގައި ވަނީ ސަރުކާރުން ]އަބުދުﷲ ގާޒީ އާ މެދު[ ކުރާ ތުހުމަތުތަކަކީ އިންސާފުވެރި ތުހުމަތު ތަކެއް ނޫނެވެ.
"އޭނާ ފާޅުކުރައްވަމުން ގެންދެވީ މިނިވަންކަން، އެއީ އޭނާ ކުރައްވަން ޖެހޭނެ ކަމެއް، ސަރުކާރުން އެކަމާ ގަޔާނުވަނީ،" ޑައުޑް ވިދާޅުވި ކަމަށް ހަބަރުގައިވެ އެވެ.
ޑައުޑް ވިދާޅުވި ކަމަށް އަދި ވަނީ އަބުދުﷲ ގާޒީ ގޯސްކޮށް ކުރައްވާ ކަމަށް ސަރުކާރުން ތުހުމަތު ކުރާ ކަންތައްތަކަކީ ތެދު ކަމަށް ވިޔަސް އޭނާ އެގޮތަށް ހައްޔަރުކުރުމުގެ ހުއްދަ ނޯންނާނެ ކަމަށާއި އޭނާ ދޫކޮށްލަން ޖެހޭނެ ކަން އެއީ ސާފުކޮށް އެނގޭ ކަމެއް ކަމަށެވެ.
އޮސްޓްރޭލިއާގެ ރޭޑިއޯއެއް ކަމަށްވާ ރޭޑިއޯ އޮސްޓްރޭލިއާގެ ވެބްސައިޓްގައި މިއަދު ލިޔެފައިވާ ހަބަރުގައި ބުނަނީ އަބުދުﷲ ގާޒީ ހައްޔަރުކުރީ ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅަކު ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް އަމުރު ނެރުނު ފަހުން ކަމަށެވެ.
"އެފިޔަވަޅުގެ ސަބަބުން ރާއްޖޭގެ އެތެރެ އާއި ބޭރުގައި އިހުތިޖާޖުތައް ވަނީ ފެށިފަ އެވެ. ސަރުކާރުގެ ފިޔަވަޅާ މެދު ލަދުވެތިވެވަޑައިގެން ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވިދާޅުވެފަ އެވެ. ފަނޑިޔާރާ ދެކޮޅަށް ދައުވާ ކުރުމަށް ނުވަތަ އޭނާ ދޫކޮށްލުމަށް އދ. ން ވަނީ ގޮވާލާފަ އެވެ." ރޭޑިއޯ އޮސްޓްރޭލިއާގެ ވެބްސައިޓްގައިވެ އެވެ.
އެހަބަރުގައި އަދި ވަނީ ޝަރުއީ ނިޒާމުގެ ކަންތައްތައް އެނިޒާމަށް އަމިއްލައަށް ނުބެލެހެއްޓޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި ފަނޑިޔާރު ސިޔާސީ ގޮތުން ވަކިއަތަކަށް ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ހުމަތު ކުރައްވާ ކަމަށް ވެސް ލިޔެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ