ރާއްޖޭގައި ހައްދު ފަހަނައެޅި މީހުންގެ އުނދަގޫ ބޮޑުވީ 2006 އަދި 2007 ގައި: މެމްބަރު އާދަމް ޝަރީފު

ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންގެ މައްސަލަތައް ރާއްޖެއަށް އެންމެ ފުރަތަމަ އެންމެ ބޮޑަށް ކުރިމަތީ 2006 އަދި 2007 ވަނަ އަހަރުގައި ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް މިއަދު މަޖިލިހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅައި ދިޔުމުގެ މައްސަލައަށް ބަލާ ކަމުގައި ވަނީ ނަމަ 2001 ވަނަ އަހަރުގައި ޕާކިސްތާނުން ރާއްޖެ މީހަކު ހައްޔަރުވިކަން ރާއްޖޭގެ ތާރީހުން އެންގެން އެބަ ހުރި ކަމަށާއި އަދި 2002 ވަނަ އަހަރުގައި ހަމަ އެ މީހާ ރާއްޖެ އައިސް ސީއެޗްއެސްސީއަށް އަމާޒުކޮށް އެ ތަނުން ކުދިންތަކެއް ނަގައިގެން އެ މަަސައްކަތް ފެށިގެން ދިޔަ ކަމަށެވެ.
އަދި 2003 ވަނަ އަހަރު ބޭރުން ތައުލީމް ހާސިލް ކުރި މީހަކު ރާއްޖެ އައިސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި "އެކްސްޓްރީމިޒަމަށް" ގޮވާ ހެދި ކަމަށެވެ.
ރާއްޖޭގައި މި އަމަލުތައް އެންމެ ބޮޑަށް ތިލަވެގެން ދިއައީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ މި ދެ އަހަރަކީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާ އެއްގައި އެ ހަރަކާތް ފެށިގެން ދިޔަ ދެ އަހަރު ކަމަށެވެ.
ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް މި ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ޖަލަށް ލެވޭ މީހުންނާއި ދޭތެރޭ މުއާމަލާތް ކުރެވޭނެ ގޮތާއި އެ މީހުންގެ އުޅުމަށް އަންނަ ބަދަލުތަކާއި ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
އިސްލާމް ދީނުގައި ހައްދު ފަހަނައަޅައި ދިޔުމަކީ ހުއްދަ ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ތުއްތު ކުދިންނަށް އަނިޔާވެރިވާ ގޮތަށް ކުރާ ކައިވެނިތައް ވެސް ބަލައި ނުގަނެވޭނޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ