ފުލުހުންގެ ވާޖިބަކީ ހެކި ހުރިތޯ ނުވަތަ ނެތްތޯ ބެލުމެއް ނޫން ކަމަށް ވިދާޅުވެ، ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ތުހުމަތު ކުރާ ދެ ފުލުހުން ހައްޔަރު ނުކޮށްގެން ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ފުލުހުންނަށް ފާޑުވިދާޅުވެއްޖެ އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ދުވަސްވަރު، އޭނާ ފުރައިގެން ރާއްޖޭން ބޭރަށް ދިޔަ ކަން ދައްކަން އޭނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަންޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ފުލުހުންނަށް ފާޑު ކިޔަމުންދާތީ ފުލުހުން ވަނީ ރޭ ނޫސްބަޔާނެއް ނެރިފަ އެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނީ އެ ދެ އޮފިސަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް މަރުތައް ބަލާ ކޮމިޝަނުން ނުދެކޭ ކަމަށް، ރޭ އެ ކޮމިޝަނާއި އެކު ކުރެވުނު މަޝްވަރާތަކުގައި ބުނެފައިވާ ކަމަށެވެ.
އެކަމަކު އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ލަފާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކޮމިޝަނުން ލަފާ ދިން އިރު ވެސް ފުލުހުން ދިޔައީ ތުހުމަތު ކުރެވޭ ދެ ފުލުހުންގެ އިދާރީ މައްސަލަ ބަލަމުން ކަމަށް ވެސް ބުނެފައި ވެއެވެ.
އެކަމާއި ގުޅިގެން މީކާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންޑާރަ ނާއިބު އެދިލައްވާފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ އެ ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެދުމަށް ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަކީ ކޯޓު އަމުރު ހޯދައި އެ ދެ ފުލުހުން ހައްޔަރު ކުރުން ކަމަށާއި ހެކި ހުރިތޯ ނެތްތޯ ނިންމާނީ ކޯޓުން ކަމަށް މީކާއިލް ވިދާޅުވި އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފުލުހުންނަކީ އިންޓެލްގައި ކުރިން މަސައްކަތް ކުރި މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. މި ދެ ފުލުހުންނަކީ މީގެ ކުރީ ސަރުކާރުން ވަޒީފާއިން ވަކި ކޮށްފައި ތިބި ދެ ފުލުހުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފުލުހުން ރޭ ބުނީ އެ ދެ ފުލުހުންނަކީ އެއްވެސް އިރެއްގައި ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވާ ދެ ފުލުހުން ނޫން ކަމަށެވެ.
ދެ ފުލުހުން ހައްޔަރު ކުރާ މިންވަރަށް ހެކި ހުރިތޯ ބަލާނީ ކޯޓުން، ފުލުހުންނެއް ނޫން: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ