އަލިފާނުގެ ހާދިސާއަކީ ރޭވިގެން ދިން ޓެރަރިސްޓު ހަމަލާއެއް: މެމްބަރު މުއިއްޒު
މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރު އަބަދަށް ފެހި މަގުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ އަކީ ރާވައިގެން ދީފައިވާ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ. މެމްބަރު އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެއީ "ރޭވި އިންތިޒާމް ވެގެން ދެވިފައިވާ ޓެރަރިސްޓު ހަމަލާއެއް" ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ގޮވާލެއްވި އެވެ. ސިފައިން ބުނެފައި ވަނީ، ހުކުރު ދުވަހު ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގަން ޖެހުނީ އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުނަދެއްގައި ރޯވި އަލިފާން ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރިގެން ކަމަށެވެ. ނަމަވެސް ގުދަން ނިސްބަތްވާ ކުންފުނި، ގްރީންޕާތުން އިއްޔެ "ސަން" އަށް ބުނީ ގުދަނުގައި ކެމިކަލް ގުދަން ކޮށްފައި ހުންނާނީ އެކަމަށް ނަގަން ޖެހޭ ހުރިހާ ހުއްދަތައް ނަގައިގެން ކަމަށާއި އެތަނުގައި ކަރަންޓު ވެސް ނުހުންނައިރު، އޭގެ ޒާތުގައި އެތަނުގައި ރޯވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. "އަޅުގަނޑުމެން ވެސް އެތަނުގައި ރޯވީމާ އެކަމާ ޝޮކެއްގައި މި ތިބީ. އެއީ އެތަނުގައި ކުއްލިއަކަށް އޭގެ ޒާތުގައި އަލިފާން ހިފަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް. އެހެން ވީމާ އަޅުގަނޑުމެންނަށް ވެސް ވީގޮތެއް އިނގޭނީ ސިފައިންނާއި ފުލުހުން މައްސަލަ ބަލާ ނިމުމުން،" ގްރީންޕާތް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޮޕަރޭޝަންސް މެނޭޖަރު އިބްރާހިމް ނަޝީދު ވިދާޅުވި އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމުން އަންނަނީ ހަރަކާތްތެރިވަމުން އެވެ. ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއްގައި ރޯވި އިރު ތިން އިމާރާތެއް ވަނީ އެއްކޮށް އަނދައި ބިމާ ހަމަވެފަ އެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު އިރު، އެކަކު ވަނީ ނިޔާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ