ޕޮލިސް ކޮމިޝަނަރު ދެއްވީ ބިރުވެރި މައުލޫމާތު ތަކެއް، ސަމާލުވާން ޖެހޭ: ރައީސް މައުމޫނު

ހަރުކަށި ފިކުރާ ގުޅޭ ގޮތުން، ކައުންސިލަރުންގެ މަހާސިންތާގައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްކެވީ ބިރުވެރި ވާހަކަ ތަކެއް ކަމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި އިއްޔެ ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވަނީ މީހުން މެރުމަށް ފަސް ނުޖެހޭ ހަރުކަށި ފިކުރުގެ 1400 ދިވެހިން ރާއްޖޭގައި އެބަ ތިބި ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން އިސްލާމިކް ސްޓޭޓު (އައިއެސް)ގެ ލީޑާޝިޕުން ރާވައިގެން މާލޭގެ މަތިން ވައިގެ ތެރޭގައި ބޮމެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވެފައި ވެއެވެ.
ސީރިއާ ހަނގުރާމައަށް މިހާތަނަށް 173 ދިވެހިން ދިވެހިން ދިޔަ ކަމަށާއި، މިހާރު އެގައުމުގައި ދިރި ތިބީ 59 ދިވެހިން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި އެ 59 ދިވެހިންގެ ތެރެއިން 91 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ވިދާޅުވިއެވެ.
ސީޕީ ހަމީދުގެ މި ވާހަކަތަކަށް އިޝާރާތްކުރައްވައި ރައީސް މައުމޫނު ވިދާޅުވީ އައިއެސްގެ ފަރާތުން ރާއްޖޭގައި ހިންގާ ނިރުބަވެރި ހަރަކާތްތަކާއި ގުޅިގެން ސީޕީ ހަމީދު ދެއްވާފައިވަނީ ބިރުވެރި މައުލޫމާތުތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ މުޅި ގައުމު އެކަމަކަށް ސަމާލުވާންވީ ކަންކަން ކަމުގައި ރައީސް މައުމޫނު ފާހަގަ ކުރެއްވިއެވެ.
އިއްޔެގެ މަހާސިންތާގައި ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް އޮތް މިންވަރު ސީޕީ ހަމީދު ފާހަގަ ކުރައްވާފައިވެއެވެ. ދެކުނު އޭޝިޔާގެ ގައުމުތަކަށް ބަލާއިރު، ޓެރަރިޒަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރާއްޖެއިން ކަމަށާއި އެކަމުގައި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއިން ކުރިއަށްދާނެ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ