އިމްރާނަށް އޮތް އިތުބާރު ގެއްލިއްޖެ: ނަޝީދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި އެޖަމިއްޔާގެ މެމްބަރުންނާއި ނަޝީދު ވެސް މެރުމަށް ގޮވާލަައި މީސް މީޑިއާގައި ޕޯސްޓްތައްދަނީ ދައުރުކުރަމުންނެވެ. އަދި އެމްޑީއެންގެ މައްސަލާގައި ކުރަމުންދާ މުޒާހަރާތަކުގައި ވެސް އެފަދަ ޝުއޫރުތައް ފާޅުކުރަަމުންދާތީ ބައެއް ފަރާތްތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެފަދަ އަމަލުތައްކުރާ މީހުން ސާފުކޮށް އެނގޭ އިރުވެސް އެކަމާ ފިޔަވަޅެއް ނާޅާ ކަމަށެވެ. އެއާއެކު ހޯމް މިނިސްޓަރު އިމްރާނަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވިއެވެ.
"މީހުން މެރުމަށް ގޮވާ، މުޅި ރާއްޖޭގައި ބިރުވެރިކަން ފަތުރާ މީހުން ސާފުކޮށް އެނގޭ އިރު، އެކަމަށް ފިޔަވަޅެއް ނާޅާކަމުން ހޯމް މިނިސްޓަރުގެ މައްޗަށް އޮތް އިތުބާރު ގެއްލިއްޖެ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނުގެ ނަމުގައި މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށްދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި މީހުން މަރާށާއި އަނިޔާވެރިކަމަށް ގޮވައިލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ