ގުދުސް ހިމާޔަތް ކުރަން ގަދައަޅާ މަސައްކަތް ކުރަންޖެހޭ: ރައީސް މައުމޫނު

ގުދުސް ހިމާޔަތްކޮށް މުސްލިމުންގެ ބާރު ހިނގާ ބިމެއްގެ ގޮތުގައި ބޭއްވުމަށް އެންމެހާ މުސްލިމުން ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމުގެ ސަބަބުން ފަލަސްތީނާއި މުސްލިމުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"އެމެރިކާގެ އެ ނިންމުމަކީ އިންސާފުން އެއްކިބާވެ، ތާރީޚީ ހަމަތަކާ ޚިލާފު، އަދި މެދު އިރުމަތީގެ ޞުލްހައަށް ބޮޑެތި ހުރަސްތަކެއް އަޅާނެ ނިންމުމަކަށްވާތީ، އެ ނިންމުން އެންމެ ހަރުކަށި އިބާރަތުން ކުށްވެރި" ކުރާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފައެވެ.
އިޒްރޭލު އުފެއްދިއިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށިކަން އިއުލާނުކޮށްފައިވާއިރު އެއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން ގުދުސްއާ މެދު ގެންގުޅުނު ސިޔާސަތު މުޅިން ދޫކޮށްލުން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ފަލަސްތީނުގެ މައްސަލައާއި ގުދުސްގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ އެމެރިކާގެ އެ ނިންމުމަކީ މެދުއިރުމަތީގެ ސުލްހަޔަށް ވަރަށް ބޮޑެތި ހުރަސް އެޅި، ހަމަނުޖެހުންތައް އިތުރުވެ، ހަރުކަށި އަމަލުތައްވެސް އިތުރުވެގެންދާނެ ކަމެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގާފާނެ ކަމެއް ކަމުގައި ދެކޭ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ