އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރުމަށާއި ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ދާދި ދެންމެއަކު ބޭއްވި ޖަލްސާގައެވެ.
މިގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރުމަށާއި، ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަންކުރުމަށް ފެނޭތޯ ވަކިވަކިން ނެގި ވޯޓުގައި ތިން ބޭފުޅުންނަށް ވެސް ރުހުން ދިނީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ އިއްތިފާގުންނެވެެ.
މިރޭގެ ޖަލްސާގައި ވެސް އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުންނަށް ރުހުން ދީފައި މިވަނީ ހަމައެކަނި ސަރުކާރަށް ތާއީދުކުރައްވާ ޕީޕީއެމް އެމްޑީއޭގެ މެމްބަރުން ތިއްބަވައިގެނެވެ.
މިބޭފުޅުންނަށް ރުހުން ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ބައްދަލުވުމުގައި އިދިކޮޅު ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި ނަމަވެސް މި ބޭފުޅުން މަގާމުތަކަށް އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައެއް ނުވެއެވެ. ކޮމިޓީން ވެސް މިބޭފުޅުންނަށް ރުހުން ދޭން ފާސްކުރީ ކޮމިޓީގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ވޯޓުންނެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި އިންނަވާ އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ފަނޑިޔާރުންގެ ނަންތައް ކޮމިޓީއަށް ފޮނުވައި ވޯޓަށް އަހާ ނިންމާލީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކަމަށެވެ. މިމައްސަލަ ކޮމިޓީގައި ދިރާސާކުރިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންގެ ތައުލީމީ ފެންވަރު އެނގޭނެ ލިޔުމެއްވެސް ކޮމިޓީގައި ނެތް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
"މިއަހަރު ތެރޭ އެންމެ ދަށު ކޯޓުން އެންމެ މައްޗަށް ދަމާ ނަގާ މީހާގެ ވެސް ފެންވަރެއް ނޭނގޭ،" ސުޕްރީމް ކޯޓަށް އައްޔަންކުރަން ނިންމާފައިވާ ފަނޑިޔާރެއްގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދަވަމުން ރޮޒައިނާ ވިދާޅުވެފައިވެއެވެ.
ގާނޫނުއަސާސީގައި ބުނެފައިވަނީ އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރާ ބޭފުޅުން ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެބޭފުޅުންގެ ނަންތައް ފާސްވުމުންނެެވެ. އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން ހަތް ދުވަހުގެ ތެރޭގައި އެބޭފުޅުން މަގާމަށް އައްޔަންކުރަން ޖެހެއެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ