ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް ިއބްރާހީމަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ލިބެންޖެހޭ ގާނޫނީ އެއްވެސް ހައްގަކަށް ހުރަސް އަޅުއްވާނެ ބޭފުޅެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން މިހެން ބުނެފައި މިވަނީ އަހްމަދު އަދީބް ގެއަށް ބަދަލުކުރުމަށް ހުރަސް އަޅުއްވަމުން ގެންދަވަނީ ގާސިމް އިބްރާހީމް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކާ ގުޅިގެންނެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެެއްވަމުން ޖުމްހޫރީ ޕާޓީގެެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވީ އަދީބު ގެއަށް ބަދަލުނުކޮށް ހިފަހައްޓަމުން ގެންދަނީ ގާސިމް އިބްރާހީމްގެ ނުފޫޒުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބަޔަކު ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ ގާސިމް އިބްރާހިމަކީ އެއްވެސް އިރެއްގައި އަދީބަށް ވެސް އަދި ދިވެހި އެހެން ރައްޔިތަކަށް ވެސް ލިބެން ޖެހޭ ގާނޫނީ އެއްވެސް ހައްގަކަށް ހުރަސް އަޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން އަދީބަށް ލިބެންޖެހޭ ބޭސް ފަރުވާ ލިބުމަށްވެސް އަދި އަދީބް ގެއަށް ބަދަލުކުރުމަށްވެސް ގާސިމް ިއބްރާހީމް ހުރަސް އަޅުއްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ ގާސިމް އިބުރާހިމަކީ އަބަދުވެސް ގާނޫނީ އިމުގެ ތެރެއިން ކަންކަން އޮންނަ އުސޫލުން ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާ ބޭފުޅެއް ކަމަށެވެ. މިއުސޫލުން އަދީބަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށް މީގެކުރިން ގާސިމް އިބްރާހީމް އަޑުއުފުއްލަވާފައިވާ ކަންވެސް އަލީ ސޯލިހް ވަނީ ފާހަގަކުރައްވާފަ އެވެ.
"ބަޔަކު ސޯޝަލް މީޑިއާގައި ދޮގު ވާހަކަތަކެއް ދެއްކި ކަމުގައި ވިޔަސް އެކަމުގައި ހަގީގަތެއް ނެތް،" އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް އިބްރާހިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށްވާތީ ޖަލުގެ ކަންކަމާއި ގައިދީންގެ ކަންކަމަކީ ގާސިމް އިބްރާހީމަށް ނުފޫޒު ފޯރުވޭނެ ކަންކަމެއް ނޫން ކަމަށެވެ. ނަމަވެސް ގާސިމް އިބްރާހީމަކީ ވެސް ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅަކަށްވާތީ ޖަލުގެ ހާލަތާއި ގައިދީންނަށް ލިބެންޖެހޭ ހައްގުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަަމަށާއި އަދި އެކަންކަން ރަނގަޅު ކުރަން އެމަނިކުފާނަށް ކުރެއްވެން އޮތް މަސައްކަތެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް އެޗްއާރްސީއެމުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަނީ އަންގާފަ އެވެ. ނަމަވެސް ކަރެކްޝަންސް އިން އެޗްއާރްސީއެމްގެ އެންގުމާ އެއްގޮތަށް އަމަލުކުރުމުގައި ވަކި ޖަވާބެއް ދީފައި ނުވާ ކަމަށް އަދީބްގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އަދީބް ގެއަށް ބަދަލުކުރުމަށް އެޗްއާރްސީއެމުން ކަރެކްޝަންސްއަށް އެންގީ އައިޖީއެމް ހޮސްޕިޓަލްގައި އަދީބުގެ ކިޑްނީއާ ގުޅޭ އޮޕަރޭޝަނެއް ކުރުމާއި ގުޅިގެން ތިން ހަފްތާ ވަންދެން އާއިލާ ކައިރިއަށް ގެއަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ. މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަދީބަށް ގެންދަނީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.
އަދީބް ގެއަށް ބަދަލުކުރުމަށް ގާސިމް ހުރަސްއަޅުއްވާފައެއް ނުވާނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ