މާމިގިލީ ރައްޔިތުން ސިލްސިލާ މުޒާހަރާތަކެއް ފަށައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ކުރުމުން ނޫނީ އެމަނިކުފާނުގެ ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިލީ ރައްޔިތުން ކުރާ މުޒާހަރާ ހުއްޓާނުލާނެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މާމިގިލި ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ މުފީދު ވިދާޅުވީ މިމުޒާހަރާއަކީ ކައުންސިލުން ކުރާ މުޒާހަރާއެއް ނޫން ކަމަށާއި، މިއީ ރަށުގެ ރައްޔިތުން އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށެވެ.
ގާސިމް ހައްޔަރުކުރުމާއެކު ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މަގުމައްޗަށް ނިކުމެ އަޑުއުފުލަމުންދާ ކަމަށާއި، ގާސިމް މިނިވަން ކުރުމުން ނޫނީ މުޒާހަރާ ކުރުން ހުއްޓާނުލާނެ ކަމަށް މުފީދު ވިދާޅުވި އެވެ. މުފީދު ވިދާޅުވީ މުޒާހަރާގެ ބައިވެރިން މިހާރުން މިހާރަށް ގާސިމް ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލަމުންދާ ކަމަށެވެ. މުފީދު ވިދާޅުވީ މާމިގިލި ޕޮލިހުން ވެސް އެމީހުން ކުރާ މަސައްކަތައް އެއްވެސް ހުރަހެއް ނާޅާ ކަމަށާއި، މުޒާހަރާ ކުރިއަށްދަނީ ސުލްހަވެރިކޮށް ކަމަށެވެ.
މުފީދު ވިދާޅުވީ ގާސިމް ހައްޔަރުކުރުމާއި ގުޅިގެން އެރަށުގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ މީހުން ވެސް ގާސިމްގެ ހައްގުގައި މުޒާހަރާގައި ބައިވެރިވާ ކަމަށެވެ. ގާސިމަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫން ކަމަށާއި، ގާސިމަކީ އެތަކެއް ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ވަރުގަދަ ޝަހުޝިއްޔަތެއް ކަމަށް މުފީދު ވިދާޅުވި އެވެ.
ގާނޫނާއި ހިލާފު ގޮތަކަށް ގާސިމް ހައްޔަރުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް މުފީދު ވިދާޅުވި އެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހީމް ހައްޔަރުކުރީ އެމަނިކުފާނު ދިރިއުޅުއްވާ މާފަންނުވިލާގައި ހުންނަވަނިކޮށް ބުރާސްފަތި ދުވަހުގެރޭ 7:30 ހާއިރު އެވެ. ގާސިމް ހައްޔަރުކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ އެކަން ކުށްވެރިކޮށް ގާސިމް ދޫކޮށްލުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ