ރައްޔިތުން ބޭނުންވާ ބަދަލު ރައްޔިތުން ގެންނާނެ: އިބޫ

ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނީ ރައްޔިތުންނަށް ކަމުން ސެޕްޓެމްބަރު 23 ގައި ބަދަލު ގެނައުމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އއ. ބޮޑުފޮޅުދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޖަޒީރާ ރާއްޖޭގައި ކައުންސިލްތައް ބާރުވެރިކޮށް، ގައުމު ތަރައްގީ ކުރެވޭނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށެވެ. ބޮޑުފޮޅުދޫގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑުކަން ފާހަގަކުރައްވައި ވިދާޅުވީ އެރަށުން ބިންހިއްކޭނެ ގޮތް ބަލައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސްކޫލުތަކުގެ ފެންވަރު ރަގަޅުކޮށް ސިއްހީ ޚިދުމަތް ރަގަޅު ކުރުމަކީ އެބޭފުޅުންގެ ސިޔާސަތެއް ކަމަށާއި އެގޮތުން ބޮޑުފޮޅުދޫ ސްކޫލު ވެސް ތަރައްގީކޮށް ސިއްހީ މަރުކަޒުގެ ވަސީލަތްތަކާއި ޚިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި ޒަމާނީ މިސްކިތެއް ވެސް އެރަށުގައި އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިކަންކަން ކުރެވޭނީ އިންތިޚާބު ކާމިޔާބުވެގެން. އަޅުގަނޑުމެންނަށް އެބަފެނޭ ބަޖެޓުން މިކަންކަން ކުރެވޭ ތަން. އެހެންނަމަވެސް މިސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅިފައި އޮތް ގޮތުން ބޭކާރު ޚަރަދުތައް ކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް މިވަނީ ނުލިބި. ކޮންމެ ކަމަކަށް ވެސް ތިންގުނަ ހަތަރުގުނަ ހޭދަކުރާތީ ނުވެގެން އުޅެނީ. މިހުރިހާ ކަމަކަށް ވިސްނައި ސެޕްޓެމްބަރު 23 ގައި ނުކުމެ ބޮޑުކޮށް އަޅުގަނޑުމެނަަށް ތާއީދުކޮށްދެއްވާ" އިބޫ ވިދާޅުވިއެވެ.
ކުރެންދޫއަށް ވަޑައިގެން އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޅ.އަތޮޅުގެ މެމްބަރުކަން 15 އަހަރު ވަންދެން ކުރެއްވިއިރު ކުރެންދޫއަކީ އެމަނިކުފާނަށް ވަރަށް ބޮޑު ތާއީދެއް އަބަދުވެސް އޮތް ރަށެއް ކަމަށެވެ. ގައުމުގެ މިއަދުގެ ހާލަަތާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ އަމާންކަން ގެއްލި، އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދަ އާންމުވެ، ސަރުކާރުން ދަނީ ދައުލަތުގެ ފައިސާއަށް އިންތިހާއަށް އިހުމާލުވަމުން ކަމަށެވެ. އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގައި އެމަނިކުފާނު ނިކުމެ ހުންނެވީ އެކަންކަން ބަދަލުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.
"މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިކުރާ ދަތުރުތަކުގައި މަންޒަރު ވަރަށް ތަފާތު. އެންމެ ދެކުނުން ފެށިގެން އުތުރަށް ދަތުރު ކުރެވިއްޖެ. ވަަރަށް މަދު ރަށެއް ފިޔަވައި އަޅުގަނޑަށް ދެވިއްޖެ. ކޮންމެ ރަށަކުން ފެންނަނީ އުންމީދުން ފުރިގެންވާ ރައްޔިތުންތަކެއް. ބޭނުންވެފައި ތިބި ކަންތައްތަކެއް ފުރިހަމަވުމަށް ކެތްމަދުވެފައި ތިބި ތަން. 23 ވަނަ ދުވަސް އަންނާނީ ކޮން އިރަކުންތޯ ބަލަބަލާ ތިބީ ރައްޔިތުން" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އިއްތިހާދުގެ ކެންޑިޑޭޓު ވިދާޅުވީ ކުރެންދޫގައި ސާފުފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަމަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ޅ.އަތޮޅަކީ ގިނަ ރިސޯޓުތަކެއް ހުރި އަތޮޅެއްކަން ފާހަގަކުރައްވައި ވިދާޅުވީ އިތުރު ރިސޯޓުތައް އެއަތޮޅުގައި ތަރައްގީކޮށް، ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރަށް ޒުވާނުންނަށް ޒުވާނުންގެ މަރުކަޒެއް ބިނާކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ