ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމް ސަސްޕެންޑުކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑުކޮށްފިއެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މައުސޫމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު ކޮށްފައިވާ ހިސާބަށް ރިއާޔަތްކޮށް ތަހުގީގު ކޮމިޓީން މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުން ވަޒީފާއަށް ނުނިކުމެ 60 ދުވަހުގެ މުއްދަތަށް މަޑުކުރުމަށް މައުސޫމަށް އެންގުމަށް މިއަދު ކޮމިޝަނުގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ. މައުސޫމާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަނީ އޭނާ ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކާ ގުޅޭ މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކެއް ކަމަށް ޖޭއެސްސީން ބުންޏެވެ. ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެފަދަ ބައެއް މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ