ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 803 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ނުދެކެން: ސަރުކާރު

އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ދިވެހި ސަރުކާރާ އެކު ހެދި އެގްރިމެންޓް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލަކަށް 803 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި ކަމަށް ވިޔަސް ދޭންޖެހޭނީ އެއަށް ވުރެ ކުޑަ އަދަދެއް ކަމަށް ދިވެހި ސަރުކާރުން މިރޭ ބުނެފި އެވެ. "އެބޭފުޅުން 1.4 ބިލިއަން ޑޮލަރަށް ކްލެއިމް ކުރިއިރު ވެސް އަޅުގަނޑުމެން ދެންނެވިން ދިވެހި ސަރުކާރުން ދޭން ޖެހޭނީ އެއަށް ވުރެ މާ ކުޑަ އަދަދެކޭ. މިފަހަރު 803 މިލިއަން ޑޮލަރަށް ކްލެއިމް ކުރީމާ ވެސް ދިވެހި ސަރުކާރުގެ ސްޓޭންޑަކީ ދޭންޖެހޭނީ އެއަށް ވުރެ ކުޑަ އަދަދެއް ކަމަށް. އެކަމަށް ބާރު ލިބެނީ އާބިޓްރޭޝަންގެ ފުރަތަމަ މަރުހަލާގައި ނިންމި ނިންމުންތައް،" ސަރުކާރުގެ އިސް އޮފިޝަލަކު "ހަވީރަ"ށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި 803 މިލިއަން ޑޮލަރު ދިވެހި ސަރުކާރުގެ ފަރާތުން ހޯދުމަށް ޖީއެމްއާރުން ޑޮކިއުމަންޓްތަކާ އެކު އާބިޓްރޭޝަނަށް ހުށަހެޅީ ފުރަތަމަ މަރުހަލާގެ ނިންމުންތަކަށް ރިއާތް ކުރުމެއް ވެސް ނެތި އެވެ. "އެހެންވެ ސަރުކާރުގެ ވަކީލުންނާއި އެކައުންޓިން އެކްސްޕާޓުން މިހާރު ގެންދަނީ ޖީއެމްއާރުގެ އެ ހުށަހެޅުން ދިރާސާ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ. ޖީއެމްއާރުން ނަގަން އެންމެ ފުރަތަމަ ބޭނުންވި ބަދަލުގެ މިންވަރަކީ 1.4 ބިލިއަން ޑޮލަރު ކަމަށް ވިޔަސް އެ އަދަދު 803 މިލިއަން ޑޮލަރަށް ކުޑަވީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ޖީއެމްއާރުން އިންޑިއާގެ ރަސްމީ ބައެއް ފަރާތްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި 803 މިލިއަން ޑޮލަރަކީ އެގްރިމެންޓް އުވާލުމުނެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެވެ. އަދި ޖީއެމްއާރުގެ ނަމަށް ލިބުނު ކިލަނބުކަމުގެ ބަދަލު ހޯދަން ވެސް ހުށަހަޅާފައި ވާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެކަމަކު އެއީ ކިހާވަރެއް ކަމެއް ބުނެފައެއް ނުވެ އެވެ. އެމްޑީޕީގެ ސަރުކާރުން ޖީއެމްއާރަށް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ކުއްޔަށް ދިނީ އެތަން ތަރައްގީކޮށް ހިންގުމަށެވެ. އެކަމަކު ޖީއެމްއާރާ އެކު އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން ވެސް އެކަން އޮތީ ސިޔާސީ ވަރަށް ބޮޑު މައްސަލައަކަށް ބަދަލުވެފަ އެވެ. އަދި ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން ނޮވެމްބަރު 26، 2012 ގައި ޖީއެމްއާރުގެ އެގްރިމެންޓް ބާތިލްކޮށް، އެއާޕޯޓް ސަރުކާރަށް ނެގި އެވެ. ސިންގަޕޫރުގައި ކުރިއަށް ދާ އާބިޓްރޭޝަންގައި މި އަހަރުގެ ޖޫން މަހު ނިންމީ ދިވެހި ސަރުކާރާއި ޖީއެމްއާރުން ކޮށްފައި ވަނީ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް އެ އެގްރިމެންޓް ބާތިލްކުރުމުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނަގަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ޖީއެމްއާރުން އެދޭ ކޮންމެ ބަދަލެއް ދޭން ނުޖެހޭނެކަން އާބިޓްރޭޝަންގެ ނިންމުމުން އެނގޭ ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އޭރު ވިދާޅުވި އެވެ. އަނިލް ވިދާޅުވެފައި ވަނީ އެ ނިންމުމުން އެނގިވަޑައިގަތީ "ޖީއެމްއާރަށް ދޭން ޖެހޭ ބަދަލަކީ އެގްރިމެންޓް ބާތިލްކުރާ ހާލަތުގައި ދޭން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ބަދަލެއް އެކަނި" ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޖީއެމްއާރާ އެކު 25 އަހަރަށް ސޮއިކުރި އެއްބަސްވުމުގައި، އެ އެއްބަސްވުން އުވާލަނީ ގައުމީ މަސްލަހަތު ހިމެނޭ ކަމެއްގައި ނަމަ ބަދަލު ދޭން ޖެހޭ ގޮތުގެ "ފޯމިއުލާއެއް" އޮންނަ ކަމަށެވެ. އަދި އެ ފޯމިއުލާ އަށް ބަލާ ނަމަ ޖީއެމްއާރުން އޭރު އެދުނު 1.4 ބިލިއަން ޑޮލަރު ދޭން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ