މެޑްރިޑާއި ޔުނައިޓެޑަށް ދިއުމަކީ އޮވެން ހެދި ބޮޑު ގޯހެއް: ކަރެގާ

ލިވަޕޫލް ދޫކޮށް މެންޗެސްޓާ ޔުނައިޓާއި ރެއާލް މެޑްރިޑަށް ދިއުމަކީ މައިކަލް އޮވެން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޖެމައިން ކަރެގާ ބުނެފި އެވެ.
ފުރަތަމަ ފަހަރަށް އޮވެންގެ ކުލަބު ބަދަލުކުރުންތަކާ ބެހޭ ގޮތުން މިފަދަ ގޮތަކަށް ކަރެގާ ވާހަކަ މިދެއްކީ އިނގިރޭސި ގައުމީ ޓީމަށް ހަތަރު ވަނަ އަށް އެންމެ ގިނަ ކުޅުންތެރިޔާ ވަނީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމުމުންނެވެ. ފޯމު ދަށްވެ، ވަރަށް ބޮޑަށް މަގުބޫލުކަން ގެއްލިފައިވާ އޮވެން މިހާރު ކުޅެމުންދަނީ ސްކޯޓް ސިޓީ އަށެވެ.
މުޅި ކެރިއަރު ލިވަޕޫލްގައި ހޭދަކުރި 35 އަހަރުގެ ކަރެގާ ބުނީ ލިވަޕޫލްދޫކޮށް، ރެއާލް އަށް ބަދަލުވުމުގެ ކުރިން އެއީ ގޯހެއް ކަމަށް އޮވެން އަށް ވިސްނައިދޭން މަސައްކަތް ކުރި ކަމަށެވެ.
"އަހަރެން ބުނިން މެޑްރިޑަކީ ވަރަށް ބޮޑަށް ސިޔާސީކަންކަން ފެތުރިފައިވާ ކުލަބެކޭ. އެތާކު ނުކުޅެވޭނެއޭ. އޮވެން ދިޔައިރު ރެއާލްގައި ގަވާއިދުން ކުޅެ، ކާމިޔާހޯދާފައިވާ ރައުލް އާއި ރޮނާލްޑޯތިބި. އަދި ގޯލު ޖަހާމީހަކަށްވުރެ އިތުރަށް މަސައްކަތްކުރަން ޖެހޭ މީހަކަށްއޭނާ ވާން ޖެހޭނެ ކަމަށާއި އެކަން އޭނާ އަށް ނުކުރެވޭނެ ކަމަށް ބުނިން. އެކަމަކު އޮވެން ހިޔާލު ބަދަލުނުކުރި. އޭނާ ހީކުރީ އޭނާހުރީ އެންމެ މަތިފަންތީގައި ކަމަށާއި ސްޕޭނުގައި ކާމިޔާބުވާނެ ކަމަށް. އެކަމަކު އުނދަގޫ ކަންތައްތަކެއްގެ ތެރެއިން އޭނާ ކާމިޔާބު ހޯދޭތޯ މަސައްކަތްކުރި. ރެއާލް މެޑްރިޑުގައި ތިން ކޯޗަކު ބަދަލުވެދިޔައިރު ގަވާއިދުން ކުޅެން ފުރުސަތު ނުލިބިވެސް އޮވެން 45 މެޗުން 16 ގޯލު ޖެހި،" އޮވެންއާއެކު ލިވަޕޫލްގެ ޔޫތު އެކަޑަމީން ތައާރަފްވި ކަރެގާ ބުންޏެވެ.
އޭނާ ބުނީ މެޑްރިޑުން ނިއުކާސަލް އަށް ބަދަލުވުމަށްފަހު އެނބުރި ލިވަޕޫލަށް އޮވެން އަންނާނެ ކަމަށް އުއްމީދު ކުރި ކަމަށެވެ. އަދި އެވަގުތު ލިވަޕޫލާ ގުޅުނުނަމަ ކުލަބުގެ ސަޕޯޓަރުން އޭނާ އަލުން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ލިވަޕޫލާ އެންމެ ހަތުރުވެރި މެންޗެސްޓާ ޔުނައިޓެޑަށް ދިއުމަކީ ލިވަޕޫލްގެ ސަޕޯޓަރުންނާ އެއްވެސް ދުވަހެއްގައި ގާތްގުޅުމެއް އުފައްދަން އޮތް ހުރިހާ ދޮރެއް ބަންދުވުންފަދަ ކަމެއް ކަމަށެވެ.
ކަރެގާ ބުނީ އޮވެން ނިއުކާސަލްގެ ކޮންޓްރެކްޓް ފުރިހަމަކޮށް، ކުޅޭނެ ކުލަބެއް ހޯދަމުންދިޔައިރު އޮވެން އަލުން ގެނައުމުގެ މުހިންމުކަން ބަޔާންކޮށް ލިވަޕޫލްގެ އެއިރުގެ ކޯޗު ރަފާ ބެނީޓޭޒަށް އެސްއެމްއެސްއެއް ވެސް ފޮނުވި ކަމަށެވެ. ނަމަވެސް މިކަމަށް ބެނީޓޭޒް އިޖާބަދީފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ