ވޯޓާ ކުރިމަތިލާ އިރު އައްޑޫ ރައްޔިތުން ބޭނުން ވަނީ ތަރައްގީ

މި އަތޮޅަކީ އުފެދިފައިވާ ގޮތަށް ބަލާއިރު އެންމެ ތަފާތު ސިފަތައް ލިބިގެންވާ އެއް އަތޮޅެވެ. އެއް ރަށް އަނެއް ރަށާ ގުޅިފައިވާ ގޮތާއި ގުދުރަތީ އެހެން ސިފަތަކަށް ބެލި ނަމަވެސް މިއަށް ވުރެ ވަކި ފުރިހަމަ އަތޮޅެއް ރާއްޖޭގައި މަދު ވާނެ އެވެ. މިއީ އެއް ބައްރަކަށް ހުންނަ ގައުމުތަކުގައި ކުރެވޭ ފަދަ ތަޖުރިބާތައް ރާއްޖޭގައި އެންމެ ބޮޑަށް ކުރެވޭ އަތޮޅު ވެސްމެ އެވެ. އެއާޕޯޓް އޮންނަ ގަމުން ފެށިގެން ހިތަދުއަށް ލިންކް ރޯޑުގައި ބުރެއް ޖަހާލުން އެކަނި ވެސް އެކަމަށް ފުދެ އެވެ. އައްޑޫއަކީ މާލެއަށް ފަހު އެންމެ ބޮޑު އާބާދީއެއް އޮތް އަތޮޅެވެ. މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވާ ގޮތުން ނަމަ މުޅި އައްޑޫގައި 25،000 ހާހެއްހާ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ. ގިނަ ބަޔަކު ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އާބާދީ ބޮޑުވުމުން އަންނަ ތަރައްގީ އައްޑޫއަށް ވަނީ އައިސްފަ އެވެ. ބޮޑެތި މަގުތައް ހުރީ ތާރު އަޅާ، އެންމެ ޒަމާނީ ފެންވަރަަށް ހެދިފަ އެވެ. ހިތަދޫގައި އެކަނި ވެސް ހަތަރު ސްކޫލް އެބަ ހުއްޓެވެ. ގައުމީ ޔުނިވަސިޓީގެ އިތުރަށް އަމިއްލަ ކޮލެޖެއްގެ ކެމްޕަހެއް ވެސް އެބަ ހުއްޓެވެ. މި ހުރިހާ ތަރައްގީއަކާ އެކު ވެސް އައްޑޫ ރައްޔިތުން ބޭނުން ވަނީ ތަރައްގީގެ އިތުރު ވަސީލަތްތަކެވެ. އުމްރާނީ ތަރައްގީގެ އިތުރަށް އިންސާނީ ތަރައްގީއަކީ އައްޑޫގެ ގިނަ ބަޔަކު މިހާރު ބޭނުންވާ ކަމެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ނިމެމުންދާ އިރު ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ނޫޅޭ ފަރާތްތަކުން ވެސް ދެކެން ބޭނުން ވަނީ މާދަމާ ބާއްވާ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގަންނަވާ ލީޑަރެއްގެ ސަރުކާރުގައި އައްޑޫ އަށް އިތުރު ތަރައްގީ ގެނެސްދިނުމެވެ. ހިތަދޫގެ ޝަރަފުއްދީން ސްކޫލް ކައިރިން ދިމާވި އަހުމަދު ރަޝީދު، ،34، އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނޫނެވެ. އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ވެސް އޭނާ ބައިވެރި ނުވެ އެވެ. ވޯޓް ލާނެ ވަކި ކެންޑިޑޭޓެއް ވެސް އޭނާ އަދި ނުނިންމަ އެވެ. ނަމަވެސް، ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ވޯޓް ލާން ނިންމައިގެން ހުރި ރަޝީދު ބޭނުން ވަނީ މުޅި އައްޑޫ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ވުމެވެ. އަމިއްލަ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފަދަ މާހައުލެއް އޮތުމެވެ. "މިހާރު މިވާ ގޮތަކީ މޮޅަށް ކިޔަވައިގެން އައިސް ރަށުގައި ކުރާނެ މާ ބޮޑު ކަމެއް ނެތް. ކިޔެވި އެއްޗެއްގެ ބޭނުން ކުރަންޏާ މި ޖެހެނީ މާލެ އަށް ދާން. އެހެން ވީމަ، ރަށް މިއޮތީ ހުސްކޮށް. އެއްވެސް މީހަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ،" ރަޝީދު ބުންޏެވެ. ރަޝީދާ ވާހަކަ ދައްކަން ހުއްޓާ އެތަނަށް އައި އޭނާގެ ރަހުމަތްތެރި ހުސެއިން އަލީ ވެސް ބުނީ ކޮންމެ ކެންޑިޑޭޓަކު ހޮވުނު ނަމަވެސް "ވަރިހަމަ" ކަމަށެވެ. އޭނާ މާދަމާ ވޯޓް ލާނެތޯ ނުވަތަ ނޫންތޯ ވެސް އަދި ނުނިންމަ އެވެ. ހުސެއިނަށް ރަޝީދު ދިން ނަސޭހަތަކީ ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ވޯޓް ލާން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ، ފަހުން ޝަކުވާ ކުރާނެ ޖާގައެއް ނޯންނާނެ ކަމަށް ރަޝީދު ބުންޏެވެ. ވޯޓް ލުމާ މެދު ދެ ހިޔާލެއްގައި ހުރި ނަމަވެސް ފޭދު އަށް އުފަން ހުސެއިން ވެސް އެދެނީ އޭނާގެ އަތޮޅަށް ތަރައްގީ އައުމެވެ. ގިނަ މަގުތަކެއްގައި ތާރު އަޅައި، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަތޮޅަށް އައުމެވެ. އެއިގެ އިތުރަށް އަމިއްލަ ވަތަނުގައި ހުރެގެން ދެ ދަރިންނަށް މިހާރަށް ވުރެ ރަނގަޅު ތައުލީމެއް ދިނުމަކީ އޭނާގެ ހުވަފެނެކެވެ. "އަޅުގަނޑުގެ ދަރިފުޅަށް މިހާރު ފަސް އަހަރު. ބޮޑު ވާން ވާއިރަށް އެބަ ޖެހޭ މިހާރު އައްޑޫން މިލިބޭ ތައުލީމަށް ވުރެ ރަނގަޅަށް ކިޔަވައި ދޭން. ރަށުގައި ތިބެގެން ވާން ނެތިއްޔާ މިޖެހެނީ ދާން މާލެ އަށް. ދެން ބޭރަށް ފޮނުވަން މިޖެހެނީ. މިކަހަލަ ތަރައްގީ ބޭނުން ވަނީ،" ހުސެއިން ބުންޏެވެ. މިދަތުރުގައި އަދި އައްޑޫގައި ވަކިން އޮންނަ ހުޅުމީދޫއަކަށް ނުދެވެ އެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު އައްޑޫއަށް ކުރި ދަތުރުގައި ހުޅުމީދޫގައި ހުންނަ ސަންސެޓް ރެސްޓޯރެންޓްގައި ހެނދުނު ސައި ބޯން ތިއްބާ އެތަނަށް އައި މެދުއުމުރުގެ މީހަކު ބުނީ "އެއްވެސް މީހަކު [ވެރިކަމަށް] އަޔަސް ވާނެ ކަމެއް ނޯންނާނެ" ކަމަށެވެ. އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ އޭނާގެ އެންމެ ބޮޑު ޝަކުވާއަކީ މަސްވެރިކަން ދަށްވުމެވެ. ބާނާ މަހަށް ރަނގަޅު އަގެއް ނުލިބުމެވެ. އޭނާގެ އުއްމީދަކީ އާ ރައީސްގެ ވެރިކަމުގައި މަސްވެރިކަން ތަރައްގީ ކޮށްދިނުމެވެ. މަސްވެރިކަން ކޮށްގެން އުފަލުގައި، އަމިއްލަ ރަށުގައި ދިރިއުޅެވޭނެ ގޮތް ވުމެވެ. ނަމަވެސް، އޭނާގެ ޝަކުވާއެއް ވެސް އެބަ އޮތެވެ. "ބޭބެމެން މިދައްކާ ވާހަކަ ތި ކުދިން ވެސް ނުގެންނާނެ ވިއްޔަ. ތިކުދިން ވެސް އަބަދު ވެސް އުޅޭނީ ކޮންމެވެސް ސިޔާސީ މީހެއްގެ ފަހަތުން،" ވީޑީއޯ ކެމެރާ ފެނުމާ އެކު އޭނާ ބުންޏެވެ. ވަކި ޕާޓީއަކަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ އައްޑޫއަށް ތަރައްގީ ގެނެސްދޭނީ އެމީހަކު ތާއީދުކުރާ ޕާޓީއަކުން ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ޒުލޭހާ އިބްރާހިމް، 42، ބުނީ ނަޝީދުގެ ވެރިކަމުގައި އައްޑޫއަށް ގެނެސްދިން ތަރައްގީއާ ގާތަށް ވެސް އެހެން ކެންޑިޑޭޓަކަށް ތަރައްގީ ނުގެނެވޭނެ ކަމަށެވެ. "މި މަގަށް ބަލާ. ތި ތާރުގަނޑު އެޅިފައި ތިއޮތީ ވެސް އަޅުގަނޑުމެންގެ ރައީސް ނަޝީދުގެ މަސައްކަތުން. ދެން ވެސް އައްޑުއަށް ތަރައްގީ ގެންނާނީ ރައީސް ނަޝީދު. އެއީ ރައްޔިތުންގެ ރައީސް، ތަރައްގީގެ ބާނީ،" 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށް ހިތަދޫ ބޮޑު މަގުގައި ތާރު އަޅާފައި އޮތުމަށް އިޝާރާތްކޮށް އޭނާ ބުންޏެވެ. ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ހިޔާލު ތަފާތެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ސަޕޯޓަރަކު ބުނީ ގާސިމަކީ ކުރިން ވެސް އެކި ގޮތްގޮތުން އެހީތެރިވެދޭ ބޭފުޅެއް ކަމަށާއި ވެރިކަމަށް ވަޑައިގެންފި ނަމަ ތަރައްގީގެ ޕްރޮޖެކްތައް ހިންގުމަށް އެންމެ ފަސޭހަވާނީ އޭނާއަށް ކަމަށެވެ. ނަމަވެސް، ޕީޕީއެމަށް ތާއީދުކުރާ މީހަކު ބުނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އައްޑޫއަށް ގެނައި ތަރައްގީއަކީ ފަހުރުވެރިވުން ހައްގު ތަރައްގީއެއް ކަމަށެވެ. "ލިންކް ރޯޑަށް ބެލިއަސް ރައީސް މައުމޫން ގެނެސްދެއްވި ތަަރައްގީ ފެންނާނެ. އައްޑޫ މިހާ ހިސާބަށް ގެނެސްދެއްވީ އަޅުގަނޑުމެންގެ ޒައީމް،" އޭނާ ބުންޏެވެ. ޕާޓީތަކުގެ ސަޕޯޓަރުންނާއި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާ މީހުން ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އެންމެންގެ ވެސް އެއް އުއްމީދެއް އެބަ އޮތެވެ؛ އައްޑޫ މިހާރަށް ވުރެ ތަރައްގީ ކުރުމެވެ. މި ތަނުން ބައްދަލުވި ކޮންމެ މީހެއްގެ ވެސް އެދުމަކީ މުޅި އައްޑޫއަށް ތަރައްގީ އައުމެވެ. "އަފިރިން ބޭނުން ވެނީ ތަރައްގީ،" ހިތަދޫން ދިމާވި މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ