މާފުށީ ކޯޓުން ކަރެކްޝަންސް އަށް ފޮނުވި "އާދަޔާ ހިލާފު މެސެޖް" ސުޕްރީމް ކޯޓުން ބާތިލްކޮށްފި
ވަރަށް އާދައިގެ ބަހުރުވަޔަކުން ލިޔެ، މާފުށީ ކޯޓުން ކަރެކްޝަނަލް ސާވިސް އަށް ފޮނުވި މެސެޖެއް ސޯޝަލް މީޑިއާގައި އާންމުވެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު އެ މެސެޖު ބާތިލްކޮށްފި އެވެ. މާފުށީ ކޯޓުން ކަރެކްޝަނަލް ސާވިސް އަށް ފޮނުވާފައިވާ މެސެޖަކީ އެރަށު މީހެއްގެ ދަރިފުޅުގެ ޚަރަދަށް އެ މީހާގެ މުސާރައިން ކަނޑައި ކޯޓުގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެންގުމުން އެކިފަހަރު އެކި މިންވަރަށް ފައިސާ ޖަމާކުރަމުންދާތީ އެކަން އިސްލާހު ކުރަން އަންގައި ފޮނުވި މެސެޖެކެވެ. ކޯޓުގެ ހުކުމާ ޚިލާފަށް އެކިފަހަރު އެކި މިންވަރަށް ފައިސާ ޖަމާކުރަމުންދާ ކަމަށް ބުނެ އެ މެސެޖްގައި ލިޔެފައިވަނީ ވަރަށް ދަށު ދަރަޖައިގެ ބަހުރުވައަކުންނެވެ. އެ މެސެޖް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ. "ތިޔަތާނގައި ތިއްބަވާ ބޭފުޅުންނަށް ތަންދޮރު އެނގޭނެ ކަމަށް އަޅުގަނޑު ހީކުރަނީ. މި ކޯޓުން ހުކުމެއް ކޮށްފައި އޮތިއްޔާ އެއާ އެއްގޮތަށް އަމަލުކުރަންޖެހޭނެ. އެ ހުކުމުގައި އޮތް އެއްޗެއް އެނގޭނެ ޕައްލަންބެއަށް ވެސް، އަންމަކަޅޭއަށް ވެސް، ޔަހުޔާއަށް ވެސް. މިވަރު ތަންކޮޅެއް ބޮޑު." މެޖިސްޓްރޭޓް އިބްރާހިމް ހުސައިން ސޮއިކުރައްވާފައިވާ މެސެޖްގައިވެ އެވެ. އެ މެސެޖް ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މެސެޖްގައިވާ އިބާރާތްތަކަކީ ކޯޓަކުން އަންގާ އެންގުމެއްގައި ހުރެގެންވާނެ އިބާރާތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ