ޝުމްބާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ތަހުގީގަށް ހޯދަމުން ދިޔަ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފި އެވެ. އޭނާ ރޭ ސްރީ ލަންކާ އިން ހައްޔަރުކޮށް މިއަދު ރާއްޖެ ގެނެސް ހައްޔަރުކޮށްފައިވަނީ ދޫނިދޫގަ އެވެ. ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަކުރެވޭ ޝުމްބާ އަކީ މިދިޔަ ސެޕްޓެމްބަރު 28 ގައި ރައީސް ޔާމީންގެ "ފިނިފެންމާ" ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމުގެ ތުހުމަތަށް ހޯދަން އިއުލާންކުރި އެކެކެވެ. އޭގެ އިތުރުން ވެސް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ ހަތް މީހަކު ފުލުހުން އަންނަނީ ހޯދަމުންނެވެ. ޝުމްބާ އަތުލައިގަތީ ފުލުހުން ލަންކާގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާ އަކީ ތަހުގީގަށް ކޮންމެހެން ބޭނުންވާ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. ޝުމްބާ ޕީޕީއެމަށް ސޮއިކޮށްފައިވާއިރު އޭނާ އަކީ ނައިބު ރައީސް އަހްމަދު އަދީބާ ވަރަށް ގާތް ގުޅުން އޮންނަ މީހެކެވެ. ނައިބު ރައީސްގެ ގިނަ "ސިއްރުތަކެއް" އޭނާ އަށް އެނގޭ ކަމަށްވެ އެވެ. ރައީސަށް ހަމަލާދިން މައްސަލައިގެ ތުހުމަަތަށް އަދީބް ހައްޔަރުކުރުމާ އެކު ޝުމްބާ ވަނީ ސަރުކާރާއި ރައީސް ޔާމީނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށް ޓުވީޓްތަކެއް ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ