ޝަރީއަތުގައި އިމްރާނަށް ގާޒީ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފި

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މިއަދު ޝަރީއަތުގައި އިމްރާނަށް، އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އިމްރާންގެ މައްޗަށް ކުރާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި، މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކައިގެ ބައެއް ޖުމްލަތަކަށް އިޝާރާތް ކުރައްވައި، ގާޒީ ބާރީ ވަނީ އިމްރާނާ ސުވާލުތައް ކުރައްވައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެއްސެވީ "އެހެން ގޮތަކަށް ތެދުވުމަށް" މުޒާހަރާގެ ބައިވެރިންނަށް އިމްރާން އިރުޝާދު ދެއްވީ ކޮން މަގްސަދެއްގައިތޯ އެވެ. ޖަވާބުގައި އިމްރާން ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީން މަޝްވަރާކުރަން ވަޑައިގަންނަވަންދެން ރައްޔިތުން މަސައްކަތް ކުރުމުގެ ވާހަކަ ކަމަށެވެ. ދެވަނަ އަށް ގާޒީ ސުވާލު ކުރެއްވީ ޑރ. އަފްރާޝީމް އަލީގެ މަރާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވުމާ މެދު އެ މުޒާހަރާގައި އިމްރާން ވާހަކަ ދައްކަވާފައިވާތީ އެކަމާ ބެހޭގޮތުންނެވެ. ރިލްވާނާއި ޑރ. އަފްރާޝީމްގެ ހައްގު ހޯދަން ރައީސް ހުރަސް އެޅުއްވިކަން އިމްރާނަށް ސާބިތުކޮށްދެވިދާނެތޯ އިމްރާންގެ ކިބައިން ގާޒީ ބާރީ އެއްސެވި އެވެ. ޖަވާބުގައި އިމްރާން ވިދާޅުވީ އެކަން ސާބިތުކޮށްދޭން ބޭނުންނުވާ ކަމަށާއި އެކަމަކު އެ ވާހަކަ ދެއްކީ އެ ދެ މައްސަލައިގެ ތަހުގީގު ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ވެސް ނުނިމި އޮތުމުން އެކަމަށް އިޝާރާތްކޮށްފައި ކަމަށެވެ. އިމްރާން ކޯޓަށް ވައްދަނީ: މިހާރު މައްސަލަ ބަލަނީ ގާޒީ ބާރީ އެކަނި --ހަވީރު ފޮޓޯ: ނިޝާން އަލީ ބައެއް ސުވާލުތަކަށް އިމްރާން ޖަވާބު ދެއްވަން ފެއްޓެވުމުން ގާޒީ ވަނީ އިމްރާންގެ ވާހަކަ ހުއްޓުވައި، ސުވާލުގެ ޖަވާބު އެހެން މިސްރާބަކަށް ގެންދަން އިމްރާން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އިމްރާން ދެއްވަނީ ސިޔާސީ ޖަވާބުތަކެއް ކަމަށާއި އެކަމަކު މިއީ ސިޔާސީ ޝަރީއަތެއް ނޫން ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި އިމްރާންގެ ވަކީލް އަލީ ޒާހިރު ވާހަކަ ދައްކަވަން ފެއްޓެވުމުން ގާޒީ ވަނީ ބައެއް ކަންކަން އޮޅުވާލަން އަލީ ޒާހިރު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، އޭނާގެ ވާހަކަ ހުއްޓުވައިފަ އެވެ. އަދި އިލްމުވެރިން ގޮތުގައި ތިބެ ކަންކަން އޮޅުވާލަން މަސައްކަތް ނުކުރުމަށާއި "މި ޝަރީއަތް ކުރިއަށް ގެންދަނީ ދަރުހަކާ ވެސް އެކު" ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ. ޚުލާސާ: މުޒާހަރާގައި އިމްރާން ބޭނުންކުރެއްވި ބައެއް އިބާރާތްތަކުގެ މާނަ އަކީ ކޮބައިތޯ ގާޒީ އެއްސެވިވަކީލުންގެ ވާހަކަ ހުއްޓުވައި، ވަކީލް ސުއޫދު މައާފަށް އެދިވަޑައިގަތުމަށް ގާޒީ އެންގެވިދައުވާކުރަނީ ދައުލަތަށް މާނަކުރެވޭ ގޮތެއްގެ މައްޗަށް ކަމަށާއި ހެކި ނެތް ކަމަށް އިމްރާން ވިދާޅުވިއިމްރާން ޝަރީއަތުގައި ދައްކަވަނީ ސިޔާސީ ވާހަކަ ކަމަށް ގާޒީ ވިދާޅުވިމާދަމާ ވެސް ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެމީގެ އިތުރުން އިމްރާންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސްނުއްސުއޫދު މައާފަށް އެދިވަޑައިގަތުމަށް ވެސް ގާޒީ ބާރީ މިއަދު ވަނީ އަމުރު ކުރައްވައިފަ އެވެ. އެގޮތަށް އަމުރުކުރެއްވީ ސުއޫދަށް އިޝާރާތް ކުރައްވައި ގާޒީ އެއްޗެއް ވިދާޅުވުމުން "އިއްޒަތްތެރި ގާޒީ ޖެއްސުން ކުރާ ގޮތަށް ވާހަކަ ދައްކަވާ" ކަމަށް ސުއޫދު ވިދާޅުވުމުންނެވެ. ގާޒީގެ އަމުރަށް ސުއޫދު ވަނީ ޝަރީއަތުގެ މަޖިލީހުގައި މައާފަށް އެދިވަޑައިގެންފަ އެވެ. މިއަދުގެ އަޑުއެހުމުގައި އިމްރާން ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާވެރިވާން ނުވަތަ ގެއްލުމެއް ދޭން ހިތްވަރު ދީފައި ނުވަތަ އިރުޝާދު ދީފައިނުވާނެ ކަމަށާއި އެފަދަ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ދައުލަތުން ދައުވާކުރަނީ އެ ފަރާތަށް ދޭހަވާ މާނައެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ދައުލަތުން ބުނީ އިމްރާން ވާހަކަ ދެއްކެވީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށާއި ބައެއް ވަގުތުތަކުގައި ސުލްހަވެރިކަމާ އެކު ވާހަކަ ދެއްކިޔަސް އެހެން ވާހަކަތަކުގައި ހުރީ ހަމަނުޖެހުމަށް ހިތްވަރު ދީފައި ކަމަށެވެ. އަދި އިމްރާންގެ އެ ވާހަކަތަކުގެ ސަބަބުން މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ، ފުލުހުންނަށާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ދައުލަތުން ފާހަގަކުރި އެވެ. މިއަދުގެ އަޑުއެހުމުގައި ވަނީ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކުގެ ދެ ވީޑިއޯއެއް ދައްކައިފަ އެވެ. އެ ވީޑިއޯއާ ބެހޭގޮތުން މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވާހަކަ ދައްކާފައިވާއިރު ދެން ވެސް އޮންނާނީ ދައުލަތުގެ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ބާރީ އިއުލާން ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ