11 ޕާޓީގެ މެމްބަރުންގެ ލިސްޓު އަލުން އިލެކްޝަންގެ ވެބްސައިޓްގައި ހިމަނައިފި

ސިޔާސީ ޕާޓީތަކުގެ ބިލު ތަސްދީގު ކުރުމާއި ގުޅިގެން ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދާއެކު ދަފްތަރުން އުނިކުރި 11 ސިޔާސީ ޕާޓީ މެމްބަރުންގެ ލިސްޓްު އަލުން އިލެކްޝަންގެ ވެބްސައިޓްގައި ހިމަނައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީޤް ކުރުމާއި ގުޅިގެން އެމްޑީޕީއާއި ޕީޕީއެމާއި ޑީއާރުޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ފިޔަވައި ދެންހުރި ޕާޓީތައް އިލެކްޝަން ކޮމިޝަނުގެ ދަފްތަރުންވަނީ އުނިކޮށްފައެވެ. އަދި އެ 11 ޕާޓީގެ މެމްބަރުންގެ އަދަދު ހިމެނޭ ލިސްޓްވެސްވަނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އުނިކޮށްފައެވެ.
އަދި އިލެކްޝަންސް ކޮމިޝަނުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ބައިގައި ކުރިން އުނިކުރި 11 ޕާޓީގެ މެމްބަރުންގެ ލިސްޓްވަނީ އަލުން ހިމަނާފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވަކިއެއްޗެއް ނުބުނެއެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި ރާއްޖޭގައި މިވަގުތުހުރި ސިޔާސީ ޕާޓީތައްކަމަށްބުނެ ހިމަނާފައިވާ ޕޭޖްގައި އަދިވެސް އޮތީ ދިހަހާސް މެމްބަރުން ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިންބުނި 5 ޕާޓީގެ ނަން އެކަންޏެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ 10000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭނެކަމަށެވެ. މިޤާނޫން މަޖިލީހުން ފާސްކޮށްފައިވަނީ ތަސްދޫގް ނުކުރައްވާ ރައީސް އަލުން މިބިލް މަޖިލީހަށް ފޮނުވުމުން 60 މެމްބަރުންގެ ވޯޓާއެކުއެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއް އުވާ ނުލުމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރަން ސްޕްރީމު ކޯޓުން އިއްޔެވަނީ ވަގުތީ އަމުރެއްވެސް ނެރެފައެވެ. ޕާޓީތައް އުވާ ނުލުމަށް ސްޕްރީމު ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.
ބަންޑާރަ ނައިބު އޮފީހުން ދައުވާކޮށްފައިވަނީ އިންތިގާލީ އިންތިޒާމުތަކެއް ނެތި ޕާޓީތައް އުވާލައިފިނަމަ އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް އުނިވެގެން ހިނގައިދާނެ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ