ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ބޮޑު ޖަލްސާގައި މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަށާއި 2014 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ މާދަމާ ރޭ ބޭއްވުމަށް ކުރިން ރާވައފިވާ ޖަލްސާ ހުކުރު ދުވަހުގެ ރެއަށް ބަދަލުކޮށްފައިވަނީ ވީހާ ވެސް ގިނަ ބަޔަކަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"ހުކުރު ދުވަހުގެ ރޭ މިބާއްވާ ޖަލްސާއަކީ 2013 އަދި 2014 ކާމިޔާބު އަހަރުތަކަކަށް ހެދުމަށް މެމްބަރުންގެ އަޒުމު އާކޮށް ކެމްޕޭނުގެ ރަސްމީ މަސައްކަތް ފެށުމަށް ބާއްވާ ޖަލްސާއެއް. އެހެން މިހަދަނީ މިއީ ރިޔާސީ އިންތިހާބުގެ އަހަރު. މިއަހަރު ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރުމަށްފަހު މާގިނަ ވަގުތުތަކެއް ނުލިބޭނެ މަޖިލީހުގެ އިންތިހާބަށް. ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް އަނެއްކޖާ އާ ރޫހެއްގައި ހުކުރު ދުވަހުގެ ރޭ ފަށާނެ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ 77 ދާއިރާއަށް އެމްޑީޕީން ކެންޑިޑޭޓުން ނެރުމުގެ ވިސްނުން ޕާޓީގައި އެބަހުރި ކަމަށާއި އެކަމައްޓަކާ ވާން ޖެހޭ ތައްޔާރީތައް ވަރަށް ފުރިހަމައަށް ވާނެ ކަމަށެވެ.
" 77 ދާއިރާއަށް މެމްބަރުން ނެރޭނެ. ދެން ކޯލިޝަން ހަދައިފިއްޔާ ކޯލިޝަން ތެރެއިން ދާއިރާތަކަށް މެމްބަރުން ނެރޭނެ. އެކަމަކު އެއީ އެވަގުތު އައިސް ޖެހުމުން،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މިފަހަރު ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބުގެ ކެމްޕޭން ފެށުމަށް ނިންމާފައިވަނީ 2009 ވަނަ އަހަރު ކެމްޕޭން ފެށި ތާރީހު ލަސްވުމުން ބައެއް ކަހަލަ ކަންތައްތަކާއި ކުރިމަތިވެފައިވާތީ ކަމަށެވެ.
" ވައުދުގެ ދަތުރުން އަޅުގަނޑުމެންނަށް ޔަގީންކަން ލިބިއްޖެ ފުރަތަމަ ބުރުން ވެސް ކާމިޔާބު ކުރެވިދާނެ ކަން. އެކަމަކު ވެރިކަމާއެކު މަޖިލީހުގެ ކޮންޓްރޯލު ވެސް އެބަ ޖެހޭ އޮންނަން. މިއީ ރިޔާސީ އިންތިހާބުގެ އަހަރު މިއަހަރު އެކަމަށް ކެމްޕޭންކޮށްފައި އަދި މަޖިލީހަށް ކެމްޕޭން ވަކިން ކުރަން ވުމުން އެންމެ އެކަށިގެންވާ ގޮތަށް ނުކުރެވިދާނެ،" މޫސަ ވިދާޅުވިއެވެ.
ބޮޑު ޖަލްސާގައި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބަށް ރަސްމީކޮށް މަސައްކަތް ފަށާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ