ރާއްޖޭގެ ހާލާތު މިހާރު މިއޮތް ގޮތުން މަޝްވަރާ ނުކޮށް އިންތިހާބަކަށް ގޮސްފި ނަމަ އިންތިހާބަށް ފަހު ރާއްޖޭގައި ދުވަހަކު ވެސް ނުފެންނަ ވަރުގެ ގަތުލުއާއްމުތަކާއި މާރާމާރީ ފެނިގެންދާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށް ކުރި މަސައްކަތުގެ މަގުސަދަކީ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށެވެ. އަދި ކޮމިޓީއަށް މައުލޫމާތު ދެއްވި ބޭފުޅުންނަކީ މީގެ ކުރިން ބަތަލުންގެ ލަގަބު ދެއްވާފައިވާ ޕްރޮފެޝަނަލް ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ބަޔާންތަކުން ބަޣާވާތެއް ކަން ސާފުވާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ މާޗް މަހުގެ ތެރޭގައި މަޖިލިސް ފެށުމާއެކު ރައީސް ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު އެކުލަވާލާ ރިޕޯޓު ތާވަލު ކުރާނެ ކަމަށެވެ.
އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވަނީ ކޮމިޓީއަށް ބައެއް ބޭފުޅުން ދެއްވި ބަޔާންތައް އަޑު އިއްވާފައެވެ. އަލީ ވަހީދު ވިދާޅުވީ ބަޔާންތައް އާއްމުކޮށްފައިވަނީ ގަވާއިދުގެ ދަށުން ކަމަށާއި ކޮމިޓީއަށް އެބޭފުޅުން ބަޔާން ދެއްވި އިރު ވެސް އެހެން ގޮތަކަށް ނުނިންމާނަމަ އެބަޔާންތައް ހާމަ ނުކުރާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. ނަމަވެސް އެބަޔާންތައް ހާމަ ކުރުމަށް ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ "ޕޮލިޓިކަލް ސޮލިއުޝަނެއް" ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް އެފަދަ ކަމަކާ ނުލައި ގޮސްފި ނަމަ ލޭ އޮހޮރުވުން ހިންގާފާނެ ކަމަށް އަލީ ވަހީދު އިންޒާރު ކުރެއްވިއެވެ.
އެހެން ކަމުން އޭގެ ކުރިން ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އައުމަށް މަޝްވަރާތައް ފެށުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބުރާހީމު މުހައްމަދު ސޯލިހަށް ގޮވާލައްވާފައެވެ.
މަޝްވަރާކޮށް ހައްލެއް ނުހޯދާ އިންތިހާބަކަށް ގޮސްފި ނަމަ ލޭ އޮހޮރުވުން ހިނގާނެ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ