ނަޝީދުގެ ހުކުމް ތަންފީޒުކުރާނަން، އިތުރު ދައުވާތައް ވެސް ކުރަންޖެހޭ: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސަރުކާރުން ތަންފީޒުކުރާނެ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް އަދި އިތުރު ދައުވާތައް ވެސް ކުރަންޖެހޭ ކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ހއ. މުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ކޯލިޝަނުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށް ގެންދާ ހަފުލާގައި، އުމަރު ވިދާޅުވި ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި، ޒިންމާ ވާންޖެހޭ ކޮންމެ މީހަކަށް ހުކުމް އަންނާނެ އެވެ. "ފަހަރެއްގައި އެއާ ކޮންޑިޝަން ކޮށްފައި ވިޔަސް"، އެ މީހަކު ބައިންދަންޖެހޭ ތަނެއްގައި ބައިންދާނެ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ. އުމަރު އެ އިޝާރާތްކުރައްވަނީ، ނަޝީދު ބެހެއްޓުމަށް ހާއްސަކޮށް، މާފުށީ ޖަލުގައި ހަދާ ހާއްސަ ޔުނިޓަށެވެ. އެއީ، 264 އަކަފޫޓު ބޮޑު، އެއް ކޮޓަރީގެ އޭސީކޮށްފައި ހުންނަ އެޕާޓްމެންޓެއްކަން އުމަރު ވަނީ ކުރިން ހާމަކުރައްވާފަ އެވެ. މިނިސްޓަރު އުމަރު ސިފަކުރެއްވި ގޮތުގައި، ނަޝީދުގެ މައްޗަށް ދައުވާކޮށްގެން ނުވާނެ ކަމަށް ބުނުމަކީ، ރާއްޖޭގަައި އަދުލު އިންސާފު އޮވެގެން ނުވާނެ ކަމަށް ބުނުން ކަހަލަ ކަމެކެވެ. ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ފާޑުކިޔުމުން ދޭހަ ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ބޭނުން ކޮންމެ މީހަކު ހިފައި ހައްޔަރުކުރުމުގެ އިހުތިޔާރު އޮންނަންޖެހޭނެ ކަމަށް، އެ ފަރާތްތަކުން ގަބޫލުކުރާ ކަމެވެ. "އަޅުގަނޑުމެން ސަރުކާރު މި ތިބީ ބަދަލު ހިފާކަށް ނޫން އެއްގޮތަކަށް ވެސް. އެކަމަކު، ގާނޫނީ ހުކޫމަތެއް ހިނގަމުން ދާއިރުގައި، އަޅުގަނޑުމެންނަށް އެ ހުކޫމަތުގެ ތެރެއަަށް އަތް ބާނައި ފައި ބާނައި ބުރަކި ޖައްސައި، މި ކަންކަމެއް އަޅުގަނޑުމެންނަކަށް ނުކެރޭނެ ކުރާކަށެއް. އަޅުގަނޑުމެން ސަރުކާރުން އެ އޮތީ އެކަން ދާ މަގުން ދާން ދޫކޮށްލާފައި،" އުމަރު ވިދާޅުވި އެވެ. މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ޗާޓުން ބޭރުވެ، ނުލަފާކަން ދައްކާލާނެ ކަމަށް ނަޝީދު ފާޅުގައި ވިދާޅުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް އިތުރު ދައުވާތައް ވެސް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އޭނާ ނެންގެވި މިސާލަކީ، ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމަށް ފަހު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވުމުގެ ދައުވާ އެވެ. "އެ ދައުވާ އަޅުގަނޑުމެން އުފުލައިފިއްޏާމުން، އަޅުގަނޑު ދަންނަވާނީ މީގެ މައްޗަށް އަނެއް ހުކުމް ވެސް އަންނާނެ. އެހެން ވީމަ، މިއަދު މުހައްމަދު ނަޝީދު ދޫކޮށްލުމަށް މަގުމަތީގައި ހިނގާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ، މަގުމަތީގައި ގިނައިން ހިނގި ވަރަކަށް ފައިވާން ފޫވެއްޓޭނީއޭ. ތީގެންނެއް ވާނެ އެއްވެސް ކަމެއް ނޯންނާނެއޭ،" ނަޝީދު ޖަލުން ސަލާމަތް ކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، އާ ލީޑަޝިޕަކާ އެކު ކުރިއަށް ދިއުމަށް އެމްޑީޕީ އަށް ގޮވާލައްވަމުން، އުމަރު ވިދާޅުވި އެވެ. މީގެ އިތުރުން، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރަމުން ގެންދާ ކަމަށް، އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަށް ވެސް، އުމަރު މިރޭ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެންގެ ސަރުކާރުން" ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރެ އެވެ. އަދި ސަރުކާރުން އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އިންސާފު ގާއިމްކުރުމުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ސަރުކާރުން ގާނޫނުއަސާސީއާ ހިލާފުވެފައި ނުވާ ކަމަށް އުމަރު ވިދާޅުވިއިރު، މިދިޔަ މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީން އޭނާ ވަކިވެވަޑައިގަތީ ވެސް، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއާ އެކު މަސައްކަތްކުރަން ފެށުމުންނެވެ. އޭގެ ފަހުން، އޭނާ އަދި އެއްވެސް ޕާޓީއަކަށް ސޮއެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ