ސަފާ ހުށަހެޅި އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކް ހިންގި މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ސަފާގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. ސަފާއަކީ 2011 ވަނަ އަހަރު ފުލުހުން އަތުލައިގަތް ނެޓްވޯކެއްގެ އެންމެ އިސް މީހާ ކަމަށް ފުލުހުން ބުނެ އެވެ. އެ ނެޓްވޯކް އަތުލައިގަތްއިރު 800 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ މައްސަލައިގައި ސަފާ އާއި އިތުރު ބަޔަކު ދިގު މުއްދަތަކަށް ޖަލަށްލުމަށް ދަށު ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ސަފާ 18 އަހަރަށް ޖަލަށްލުމަށާއި 75،000ރ. އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ސަފާ ހުށަހެޅި މައްސަލަ ބަލައިގަތީ މިއަދުގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ. ސަފާ ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް ބޭސް ފަރުވާއަށް ކަމަށް ބުނެ މިދިޔަ މަހު އޭނާ ވަނީ ސްރީ ލަންކާއަށް ފުރުވާލައިފަ އެވެ. އެކަމުގައި ގަވާއިދާ ޚިލާފް ކަންތައްތަކެއް އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ސަފާގެ އެ ނެޓްވޯކަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ