އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ޒިންމާ ނަގަން ޖެހޭނީ ނަޝީދާއި ތޮލްހަތު: އެޗްއާރުސީއެމް

ސިފައިންނާއި ފުލުހުން ގާނޫނު އާސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކުރި މައްސަލާގައި ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރުސީއެމުން( މިއަދު ބުނެފި އެވެ. އެ މައްސަލަ ތަހުގީގުކޮށް އެ ކޮމިޝަނުން މިއަދު އާއްމުކުރި 30 ސޮފްހާގެ ރިޕޯޓުގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންގޮސް 22 ދުވަސް ވަންދެން ގިރިފުށީގައި ބަހައްޓާފައި ވަނީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ހިލާފަށް ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ. އޭނާ ބަންދުކޮށްފައި ހުރި އިރު ޖިސްމާނީ ގޮތުން އަނިޔާއެއް ނުކުރި ނަމަވެސް އިންސާނީ ކަރާމާތް ނަގާލައި މަޖުބޫރުކޮށްގެން އޭނާ ލައްވައި ކަންކަން ކުރުވުމަށް ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށާއި މަގާމުން ދުރުކޮށް ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ވެސް އޭނާ ކައިރިއަށް ފޮނުވި ސައިކޮލޮޖިސްޓަކު ލައްވައި މަސައްކަތްކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. "އަބްދުﷲ މުހައްމަދު ގިރިފުއްޓަށް ގެންދިއުމާއި ހައްޔަރުކޮށްގެން ގެންގުޅުމާއި އޭނާ އަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ އެންމެހާ ހައްގުތަކުން މަހްރޫމްކުރުމުގެ އަމަލުތައް ހިންގާފައިވާ އެންމެ އިސް އެއް ފަރާތަކީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމާއި އޭނާގެ ދަށުން މިކަމުގައި ސިފައިންގެ އެކި ފަރާތްތަކަށް އަމުރުކޮށްފައި ވަނީ އޭރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝެނަލް ސެކިއުރިޓީ ތޮލްހަތު އިބްރާހިމް ކަލޭފާނުކަން މި ތަހުގީގަށް ސާބިތުވެ އެވެ. އަދި މި އޮޕަރޭޝަން ހިންގާފައި ވަނީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ކަމަށްވާތީ، ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން މޫސާ އަލީ ޖަލީލު ވެސް މިކަމުގައި ޒިންމާ ނަގަން ޖެހޭ ކަމަށް ގަބޫލުކުރެވެ އެވެ. މީގެއިތުރުން މި މައްސަލާގައި ޣައިރު ގާނޫނީ އަމުރުތައް ކުރި ފަރާތްތަކާއި އެ އަމުރުތަކަށް ތަބާވި ފަރާތްތައް ވެސް އެކި މިންވަރަށް ޒިންމާވާންޖެހޭ ކަމަށް ތަހުގީގަށް ފާހަގަކުރެވެ އެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ. ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެން އަބްދުﷲ ގާޒީ ބަންދުކޮށް، އޭނާ ބަހައްޓާފައި ހުރީ ކޮންތަނެއްގައި ކަން ބެލުމަށް އެ ކޮމިޝަނުން ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރު ތޮލްހަތުގެ އިތުރުން ވެސް ކަމާ ބެހޭ އިސް ފަރާތްތަކަށް ގުޅައިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބަންދުކޮށްފައި ހުރި ތަނެއް ކޮމިޝަނަށް ވެސް އެނގުނީ 48 ގަޑިއިރު ފަހުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ގާނޫނު އަސާސީއާ ހިލާފަށް އަބްދުﷲ ގާޒީ ބަންދުކޮށްފައި ވުމާއެކު އޭނާ މިނިވަންކުރުމަށް ސަރުކާރުގެ އެކި ފަރާތްތަކަށް ގުޅައިގެންނާއި ބައްދަލުކޮށްގެން ކުރި މަސައްކަތުންނާއި މިނިސްޓްރީތަކަށް އެންގި އެންގުންތަކަށް ވެސް ތަބާވެފައި ނުވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި އަބްދުﷲ ގާޒީއާ ބައްދަލުކުރުމަށް ޖެނުއަރީ 19 ވަނަ ދުވަހު އެ ކޮމިޝަނުގެ ޓީމެއް ގިރިފުއްޓަށް ދިއުމުން އެ ރަށަށް އެރުމަށް ހުރަސްއަޅާފައި ވާއިރު ހޯމް މިނިސްޓްރީން ވެސް އެ ކޮމިޝަނަށް އެއްބާރުލުން ދީފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ގާނޫނު އަސާސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ވެސް ގިނަ މާއްދާތަކެއް އެޗްއާރުސީއެމުން ހެކީގެ ގޮތުގައި އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އަދި އޭނާ ބަންދުކޮށްގެން ގެންގުޅުމުގައި ސިފައިންނާއި ފުލުހުން ވެސް އަމަލުކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ސާބިތުވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަބްދުﷲ ގާޒީ ސިފައިންގެ ދަށަށް ގެންދިއުމުގެ ޒިންމާ ނަގަން ޖެހެނީ ދައުލަތުން ކަމަށާއި އެއީ ދައުލަތުގެ ދިފާއުގައި ކުރި ކަމެއް ކަމަށާއި އެކަމުގައި އެއްވެސް އޮފިސަރަކު ޒިންމާވާން ނުޖެހޭނެ ކަމަށް ތޮލްހަތު ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ މައްސަލައިގެ ޒިންމާ އުފުއްލަވާނެ ކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވެފައިވާ ކަމަށް އެމްއެންޑީއެފްގެ ސީނިއާ އޮފިސަރަކު ވިދާޅުވާ ކަމަށް އެޗްއާރުސީއެމުގެ ރިޕޯޓުގައި ބުންޏެވެ. އަބްދުﷲ ގާޒީގެ އިންސާނީ ކަރާމާތް ނަގާލައި މަޖުބޫރުކޮށްގެން ކަންތައް ކުރުވުމާއި ގިރިފުއްޓަށް ފޮނުވި ސައިކޮލޮޖިސްޓެއް ލައްވައި، އާއިލާ އެކު އަބްދުﷲ ގާޒީ ރާއްޖެ އިން ބޭރަށް ފޮނުވައިދޭނެ ކަމުގެ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ޑިފެންސް މިނިސްޓަރު ތޮލްހަތު ކަމަށް ވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ. ފެބްރުއަރީ 7 ގައި އަބްދުﷲ ގާޒީ މާލެ ގެނެސްފައި: ސަލާމަތީ ބާރުތަކުން އޭނާ ބަންދުކޮށް މަޖުބޫރުން ކަންކަން ކުރުވުމަށް މަސައްކަތްކޮށްފައިވާ ކަން ތަހުގީގަށް ސާބިތުވާ ކަމަށް އެޗްއާރުސީއެމުން ބުނޭ. އެ ރިޕޯޓުގައި ބުނެފައި ވަނީ ގިރިފުށީގައި އަބްދުﷲ މުހައްމަދު ހުރިއިރު، ނަޝީދުގެ ފަރާތްޕުޅުން ޓީމެއް އޭނާއާ ދެ ފަހަރެއްގެ މަތިން ބައްދަލުކުރި ކަމަށެވެ. އަދި އަބްދުﷲ ގާޒީ މިނިވަންކުރުމަށް ޝަރުތުތަކެއް އެ ބައްދަލުވުމައި ނަޝީދު ހުށަހެޅުއްވި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެގޮތުން ވަޒީފާ ދޫކޮށްލެއްވުމަށް ވެސް ނަޝީދު ހުށަހެޅުއްވި ކަމަށް އެ ރިޕޯޓުގައިވެ އެވެ. "ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެތައް ހައްގަކުން މަހްރޫމްވާގޮތަށް އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުގައި ބަހައްޓާފައި ހުރި ހުރުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު މި މައްސަލާގައި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަދާކުރައްވާފައި ނުވާކަން ތަހުގީގަށް ސާބިތުވެ އެވެ،" އެޗްއާރުސީއެމްގެ ރިޕޯޓުގައިވެ އެވެ. އެ ކޮމިޝަނުން ބުނީ އަބްދުﷲ މުހައްމަދު ބަންދުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައި ނުވާތީ އެކަން ސާބިތުނުވާ ކަމަށެވެ. އަދި އޭނާ ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނީ، އެޗްއާރުސީއެމުން ބުނިގޮތުގައި، ފަނޑިޔާރެއްގެ ހައިސިއްޔަތުން އަބްދުﷲ ގާޒީ ކުރަމުން ދިޔަ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ތަހުގީގަށް ގަބޫލުކުރެވެ އެވެ. އެ ރިޕޯޓާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކަށް އެ ކޮމިޝަނުން ހުށަހެޅުންތައް ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން އަބްދުﷲ ގާޒީ ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކުރުމުގައި ފުލުހުންގެ ދައުރު ތަހުގީގުކުރުމަށް ފަހު ފިޔަވަޅު އެޅުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގައި އެދިފައިވެ އެވެ. އަދި މޯލްޑިވްސް ނެޝެނަލް ޑިފެންސް ސެކިއުރިޓީގައި އެދިފައި ވަނީ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި މަގާމުގެ ކުރިއެރުން ދިނުމުގައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވޭތޯ ބަލައި ސްކްރީން ކުރުމަށެވެ. ސިފައިންގެ ދައުރު ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެމްއެންޑީއެފުގައި އެދިފައިވާއިރު، ފުލުހުންނަށް ވެސް ވަޒީފާ ދިނުމާއި މަގާމުގެ ކުރިއެރުން ދިނުމުގައި އިންސާނީ ހައްގަކަށް އަރައިގެންފައިވޭތޯ ސްކްރީން ކުރުމަށް އެޗްއާރުސީއެމުން ފުލުހުންގެ އިދާރާ އަށް ވެސް ހުށަހަޅާފައިވެ އެވެ. އެޗްއާރުސީއެމުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހަޅާފައި ވަނީ އެ ކޮމިޝަނުގެ ރިޕޯޓް ދިރާސާކޮށް، އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ ދިވެހި ރައްޔިތުންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކަކީ ކޮބައިކަމާއި އެފަދަ ހާލަތެއްގައި އެއްވެސް ރައްޔިތަކު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދެވޭނެ އުސޫލްތަކަކާއި ގެންދިއުމަށް ފަހު އެ މީހަކާ މެދު އަމަލުކުރެވޭނެ ގޮތްތަކެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅުމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި ހިމެނޭ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ މަގާމްތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން ލާޒިމްކުރާ ގޮތަށް ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނު އިސްލާހުކުރުމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް އެޗްއާރުސީއެމުން ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ