ޝީރީންގެ މަރުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން ބަލައެއްނުގަތް
ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީން މަރާލިކަން އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް، ޖެނުއަރީ 2010 ގައި މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް ޝީރީން އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ޝީރީންގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ ނަޖާހުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މެއި މަހު ވަނީ ހުކުމްކޮށްފަ އެވެ. އިސްތިއުނާފްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ނިންމީ އެ މައްސަލަ ހުށަހެޅީ އިސްތިއުނާފް ކުރަން އޮންނަ މުއްދަތު ހަމަވި ފަހުން ކަމަށްވާތީ އެވެ. ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފް ކުރަން ލިބެނީ 10 ދުވަސް ކަމަށް ވާއިރު ޕީޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އޭގެ ފަހުންނެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނޭޅުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބުމުން ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިިއުނާފް ކުރަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ރެޖިސްޓްރާ ނިންމާ ނިންމުންތައް އަލުން ބަލައިދޭން އެދި އެ ކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅިދާނެ އެވެ. ޝީރީންގެ ހުރިހާ ވާރިސުން ވެސް ނަޖާހުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށް ނަޖާހުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކުރީ ޝީރީން މަރުވީ މީހަކު ކުރި އަމަލެއްގެ ސަބަބުންކަން އެނގެން ނެތުމުންނެވެ. ކޯޓުގެ ހުކުމުގައިވަނީ ޝީރީންގެ މަރުގެ ސަބަބު ހޯދޭނީ ޕޯސްޓްމޯޓަމެއް ހަދައިގެން ކަމަށް ޑޮކްޓަރުން ބުނާއިރު ޕޯސްޓްމޯޓަމް ހަދާފައިނުވާތީ އެ މަރުވި ސަބަބު ހޯދިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ