ޝީޓުން ބައެއް ވެއްޓުމާ ގުޅިގެން އަމީނިއްޔާ ސްކޫލް މާދަމާ ބަންދު
އަމީނިއްޔާ ސްކޫލުގެ ކްލާސް ރޫމެއްގެ ޝީޓުން ބައެއް މިއަދު ވެއްޓުމާ ގުޅިގެން އެ ސްކޫލުގެ ހާލަތު ބެލުމަށް އެސެސްމެންޓެއް ކުރުމަށާއި މަރާމާތު ކުރުމަށް މާދަމާ ސްކޫލު ބަންދުކުރަން ނިންމައިފި އެވެ. އެ ސްކޫލުގެ ޕްރިންސިޕަލް އާތިޔާ ނަސީރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކުރާ އޮފީސް އޮފް ޕްރޮގްރާމް އެންޑް ޕްރޮޖެކްޓް )އޯޕީޕީ(ގެ އޮފިޝަލުން މިހާރު ވެސް އެސެސްމެންޓް ހެދުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ސްކޫލު ހުޅެވޭނީ އާދީއްތަ ދުވަހު ކަމަށެވެ. އޯޕީޕީގެ އިންޗާޖް އަންވަރު އަލީ ވިދާޅުވީ މިއަދު ހިނގި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތިން ކްލާސްރޫމެއްގައި ކިޔަވައިދިނުން ރައްކާތެރި ނޫންކަން އަންގާފައިވާނެ ކަމަށެވެ. އަދި އިތުރު އެއްޗެއް ވިދާޅުވެވޭނީ ސްކޫލުގެ ހުރިހާ އިމާރާތްތަކެއްގެ އެސެސްމެންޓެއް ހެދުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަންވަރު ވިދާޅުވީ އަމީނިއްޔާގެ އިތުރުން މަޖީދިއްޔާގެ ހާލަތު ބެލުމަށް ވެސް މީގެ ކުރިން އެސެސްމެންޓެއް ހަދައި ފާހަގަކުރެވިފައިވާ ކަންތައްތަކާ އެކު ސަރުކާރަށް ރިޕޯޓެއް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މި ދެ ސްކޫލަކީ ވެސް ވަރަށް ދުވަސްވީ ތަންތަން ކަމަށާއި ޝީޓް އަޅާފައި ވަނީ ވެސް އަކިރި ބޭނުންކޮށްގެން ކަމަށް ވުމުން އިމާރާތް ވަރަށް ބަލިކަށި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ކުރީގެ އިމާރާތްތައް ވީމާ ހުރީ އަކިރިން ހަދާފައި. މިއަދު ވެއްޓުނު ތަނަކީ ކުރިން ވެސް ޕެޗު އަޅާފައިވާ ތަނެއް. މި ގޮތަށް ހުރި ތަންތަން ބެލި އިރު މިހާތަނަށް ތިން ކްލާސް ރޫމެއްގައި ކިޔަވައި ނުދޭން އަޅުގަނޑުމެން ހުށަހެޅިން. ދެން އެކަމާ ގުޅިގެން ކުރިއަށް ދާނެ ގޮތެއް ނިންމާނީ ސަރުކާރުން،" އަންވަރު ވިދާޅުވި އެވެ. އަމީނިއްޔާގައި މިއަދު ކިޔަވައިދެމުން ދަނިކޮށް ގްރޭޑް އަށެއްގެ ކްލާހެއްގެ ޝީޓުން ދެ ފޫޓެއްހާ ސިމެންތިގަނޑެއް ވެއްޓި ކުއްޖެއްގެ ގައިގާ ޖެހިފައިވެ އެވެ. އާތިޔާ ވިދާޅުވީ ދަރިވަރަށް މާ ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް "އޭނާ ސަލާމަތްވީ ނަސީބު ރަނގަވުމުން" ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އޯޕީޕީގެ އޮފިޝަލުން މިއަދު ގޮސް ދަނޑިގަނޑެއް ބޭނުންކޮށްގެން ބައެއް އެހެން ކްލާސްތަކުގެ ޝީޓްތައް ޗެކްކުރަމުން ދިޔަ އިރު ޝީޓްތަކުން ތަންތަންގަނޑު ނެއްޓިގެން ވެއްޓުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ