މިހާރުގެ ހަމައެކަނި ހައްލަކީ ސުޕްރީމް ކޯޓު
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ނުލިބިއްޖެ ނަމަ 21 ދުވަހުގެ ތެރޭގައި ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ވާނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ. އަދި އިންތިޚާބު ބާއްވާނީ ރައީސްކަމުގެ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދުގައި ކަމަށް ވެސް ގާނޫނު އަސާސީގައިވެ އެވެ. އޭގެ އިތުރުން އިންތިޚާބާ ގުޅޭ އެހެނިހެން ގާނޫނުތަކުގައި ވެސް މިފަދަ އެތައް މުއްދަތެއްގެ ވާހަކަ އެބަ އޮތެވެ. އެކަމަކު ނޮވެމްބަރު 11، 2013 ގައި އާ ރައީސުލްޖުމްހޫރިއްޔާ އަކު ހުވާކުރުން ލާޒިމްވާއިރު މި މުއްދަތުތަކަށް ފައްތައިގެން މިހާރު އެކަން ހާސިލްކުރާނީ ކިހިނެއް ހެއްޔެވެ؟ މިކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނާ އެންމެ ފަހުގެ ތާރީޚު ސެޕްޓެމްބަރު 28 އަށް ހަމަވިއިރު ސުޕްރީމް ކޯޓުން އޮތީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން އިންތިޚާބު ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. މިހާތަނަށް ވެސް ސުޕްރީމް ކޯޓުން މި މައްސަލާގައި ވަކި ގޮތެއް ނިންމާފައި ނެތް އިރު ނޮވެމްބަރު 11 ގައި އާ ރައީސަކަށް މަގާމާ ހަވާލުވެވޭނެ ހުރިހާ މަގެއް ދެއްކުމުގެ ބާރު ވެސް އޮތީ މި ހާލަތުގައި ސުޕްރީމް ކޯޓަށް ކަމަށް ގާނޫނީ ބައެއް މާހިރުން ވިދާޅުވެ އެވެ. އެ ނޫން އެއްވެސް ގޮތެއް ނެތް ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ސަބަބަކީ ދެވަނަ ބުރުގެ ވޯޓުލުން ބާއްވަން ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތް 21 ދުވަހުގެ މުއްދަތު ހަމަވުމާއި އަދި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މިހާރު އިންތިޚާބުގެ ދެވަނަ ބުރެއް ވެސް އަދި އާ އިންތިޚާބެއް ވެސް ނުބޭއްވޭނެކަން ކަށަވަރުވާތީ އެވެ. "އަޅުގަނޑަށް ފެންނަ ގޮތުގައި ޑައިރެކްޝަނެއް ދައްކަން ވާނީ މިހާރު ސުޕްރީމް ކޯޓުން. ސުޕްރީމް ކޯޓުން ހުކުމް ކުރާއިރު އޭގައި އޮންނަން ވާނެ ކަމަށް ގަބޫލުކުރަން އިންތިޚާބު ދެން ބާއްވާނެ ގޮތްތަކެއް ބުނެދީފައި. މިހާރު މި އޮތީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނާ މުއްދަތުތައް ފަހަތަށް ގޮސްފައި. އެހެންވީމާ މިއީ ސުޕްރީމް ކޯޓުން މި މައްސަލަ އަށް ހައްލެއް ގެނެސްދޭންވީ ވަގުތު،" ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހިސާބުން އުފެދޭ އެހެން ސުވާލެއް އެބަ އޮތެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން އިންތިޚާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ގެޒެޓް ކުރަން ޖެހެ އެވެ. އެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމަށްޓަކައި ގިނަވެގެން 10 ދުވަހުގެ މުއްދަތެއް ވެސް ދޭން ޖެހެ އެވެ. އަދި ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މީހަކު ހިތްހަމަނުޖެހިއްޖެ ނަމަ ފަސް ދުވަސް ތެރޭގައި ހައި ކޯޓަށް މައްސަލަ ވައްދައި އެ މައްސަލައެއް އެ ކޯޓަށް ހުށަހަޅާތާ ގިނަވެގެން 15 ދުވަސް ތެރޭގައި ހުކުމް ކުރަންވާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ މައިގަނޑު ކަންބޮޑުވުމަކީ ވެސް މި މުއްދަތުގެ މައްސަލަ އެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރު އަލުން ބާއްވަން ޖެހިއްޖެ ނަމަ ނޮވެމްބަރު 11ގެ ކުރިން އާ ރައީސަކު އިންތިޚާބުކޮށް ނުނިންމޭނެ ކަމަށެވެ. ނަން ހާމަކުރަން ބޭނުން ނުވާ ވަކީލަކު ވިދާޅުވީ ނޮވެމްބަރު 11 ގައި އާ ރައީސަކު މަގާމުގެ ހުވާ ކުރުމަކީ މަޖުބޫރު ކަމެއް ކަމަށާއި އެއަށް ވުރެ އެކަން ފަސްކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ނޮވެމްބަރު 11ގެ ކުރިން މި އޮތް މުއްދަތުގެ ތެރޭގައި އިންތިޚާބު ބޭއްވޭނެ ގޮތުގެ އުސޫލެއް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެސް އޮންނަންވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މިކަމުގައި މުހިންމީ މިހާރަށް ބަލާއިރު މި މުއްދަތުތަކަށް ވުރެ ބޮޑަށް ނޮވެމްބަރު 11ގެ ކުރިން އިންތިޚާބު ބޭއްވޭނެ އުސޫލެއް. އަޅުގަނޑު ގަބޫލުކުރަނީ ސުޕްރީމް ކޯޓުން އެ މައްސަލަ އަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް. ދެން އިލެކްޝަންސް ކޮމިޝަނުން ހެޔޮ ނިޔަތުގައި މި އޮތް މުއްދަތުގައި ވެސް އިންތިޚާބު ބާއްވަން އުޅެފިއްޔާ އެކަން ނުވާންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. މުއްދަތުތައް އަވަސް ކޮށްލާފައި ވެސް ކުރެވޭނެ ނޫންތޯ ބޭނުމިއްޔާ؟ ސުޕްރީމް ކޯޓުގެ ހައްލެއް މީގައި އޮތީ،" އޭނާ ވިދާޅުވި އެވެ. ކުރީގެ ބަންޑާރަ ނާއިބު އަހުމަދު އަލީ ސަވާދުގެ ވިސްނުމުގައި ވެސް މިހާރު މި އޮތް ހާލަތުން ހައްލެއް ހޯދައި ދެވެން އޮތީ ސުޕްރީމް ކޯޓަށެވެ. އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމް ކުރާއިރު ނޮވެމްބަރު 10ގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތެއް ނުވަތަ މަގެއް އެ ކޯޓުން ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެން ނޫނީ ގާނޫނީ ބޮޑެތި މައްސަލަތަކެއް މި ގައުމަށް ކުރިމަތިވާނެ. ނޮވެމްބަރު 11 ގައި އާ ރައީސުލްޖުމްހޫރިއްޔާ އަކު ހުވާ ނުކޮށްފި ނަމަ ގާނޫނު އަސާސީ ވަގުތުން ހުއްޓޭނެ. ގާނޫނު އަސާސީ ފާރުގައި ވެސް ނުޖެހި އެ ދާ ގޮތަށް ގޮސް ހުއްޓޭނީ. އަޅުގަނޑު ދެކޭ ގޮތުގައި ނޮވެމްބަރު 11 ގައި އާ ރައީސަކު ހުވާ ކުރުމަކީ ކޮންމެހެން ވެސް ލާޒިމް ކަމެއް. ސުޕްރީމް ކޯޓަކުން ވެސް އެއަށް ވުރެ ފަސްކޮށް އެކަން ކުރާކަށް ނުނިންމޭނެ،" ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ސަވާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރު 11 ގައި އާ ރައީސަކު ހުވާ ނުކޮށްފި ނަމަ ގާނޫނު އަސާސީގެ 107 ވަނަ މާއްދާ އާއި 110 އަދި 111 ވަނަ މާއްދާގެ ބޭނުން ކެނޑިގެންދާނެ އެވެ. އޭގެ ތެރެއިން 107 ވަނަ މާއްދާގައި ވަނީ ރިޔާސީ ދައުރު ކަނޑައަޅައިފަ އެވެ. އެ މާއްދާގައި ވާ ގޮތުން ނަމަ ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އެ މަގާމަށް އައްޔަންކުރާ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެ ދައުރަށް ވުރެ ގިނަ ދުވަހު މަގާމު ނުފުރޭނެ ކަމަށް 107 ވަނަ މާއްދާގައިވެ އެވެ. ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ބުނަނީ ހިނގަމުންދާ ރިިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހުގެ ތެރޭގައި، އާ ރައީސެއްގެ އިންތިޚާބު ބާއްވާ ވާހަކަ އެވެ. އަދި ގާނޫނު އަސާސީގެ 111 ވަނަ މާއްދާ ހާއްސަކޮށްފައި ވަނީ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ނުލިބިއްޖެ ނަމަ ދެވަނަ ބުރު 21 ދުވަހުގެ ތެރޭގައި ބޭއްވުމުގެ މައްޗަށެވެ. "މި ތިން މާއްދާ މިއީ އެއް އިޖުރާއަތުތަކެއް ފުރިހަމަ ކުރަން އޮތް މާއްދާތަކެއް. އެހެންވީމާ ނޮވެމްބަރު 11ގެ ކުރިން އާ ރައީސަކު ނެތް ނަމަ ދުސްތޫރީ ބޮޑެތި މައްސަލަތަކެއް ނުކުންނާނެ. އަދިވެސް ނޮވެމްބަރު 10ގެ ކުރިން އިންތިޚާބު ބޭއްވޭނެ ފުރުސަތު އެބަ އޮތް. އެކަމަކު އެކަމަށް ހައްލެއް ހޯދައި ދޭން ވާނީ ސުޕްރީމް ކޯޓުން،" އޭނާ ވިދާޅުވި އެވެ. ސަވާދު ވިދާޅުވީ ނޮވެމްބަރު 11 ގައި އާ ރައީސަކު ހުވާނުކޮށްފި ނަމަ ދެން އެ މަގާމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ގާނޫނު އަސާސީގައި އެކަން އެގޮތަށް ކުރަން އޮތް ހާލަތު ތަފާތު ކަމަށެވެ. އެހެންވެ ރިޔާސީ ދައުރު ހަމަވާއިރު އާ ރައީސަކު ނެތަސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލުނުވެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. "ރައްޔިތުންގެ މަޖިލީހުގެ ރައީސް ]ރައީސުލްޖުމްހޫރިއްޔާގެ[ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާން ގާނޫނު އަސާސީގައި ބުނެފައި މި އޮންނަނީ ދައުރުގެ ތެރެއިން. ދައުރުގެ ބޭރުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލެއް ނުވެވޭނެ. އެއީ ގާނޫނު އަސާސީއާ ހިލާފު ކަމަކަށް ވާނެ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ ނޮވެމްބަރު 11 ގައި އާ ރައިސަކު ހުވާނުކޮށްފި ނަމަ ގާނޫނު އަސާސީ ވަގުތުން ހުއްޓޭނެއޭ. ސަލާމަތީ ބާރުތަކުގެ މަސައްކަތްތައް ވެސް ހުއްޓޭނެ. ސަބަބަކީ ސަލާމަތީ ހިދުމަތްތަކުގެ ކަންކަން ގާނޫނު އަސާސީއާ އެއްގޮތަށް ހިންގާތޯ ބެލުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމަކަށް ވާތީ،" ސަވާދު ވިދާޅުވި އެވެ. ނޮވެމްބަރު 11 ގައި ކޮންމެހެން ވެސް އާ ރައީސުލްޖުމްހޫރިއްޔާ އަކު ހުވާކުރަން ޖެހޭ އިރު އޭގެ ކުރިން އިންތިޚާބު ބޭއްވުން ކޮންމެހެން މަޖުބޫރު ކަމަށް އެތައް ބަޔަކު އިއްތިފާގުވެ އެވެ. އެނޫން އެއްވެސް ގޮތެއް ނެތެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ހުކުމް ވީހާ ވެސް އަވަސް ކުރުމަކީ އޮތް އެއް ހައްލެވެ. މިހާރު ވެސް ސުޕްރީމް ކޯޓުން މައްސަލަ ނިންމަން ލަސްވެއްޖެ ކަމަށް އެތައް ބަޔަކު ބުނާއިރު މި އޮތް 36 ދުވަހުގެ ތެރޭގައި ވެސް އިންތިޚާބު ބޭއްވޭނެ އަވަސް މަގެއް ކޮށޭނެ ގޮތެއް ހޯދަން ޖެހެ އެވެ. އެހެން ނޫނީ ގައުމަށް ދެން ދިމާވާނެ ދަތި މަރުހަލާ އަދި މާ އުނދަގޫ ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ