އެމްޑީޕީން މިއަދު ކުރާ މަސައްކަތަކީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅާލުމުގެ މަސައްކަތްކަމަށާއި، ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ހަމައަށް ރައީސް ޑރ ވަހީދުގެ ސަރުކާރުގެ ކޯލިޝަން ސާބިތުކަމާއެކު ދެމި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސުޕެޝަލް އެޑްވައިޒަރ ޑރ ހަސަން ސަޢީދު ވިދާޅުވެއްޖެއެވެ.
ވީ ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ ހަސަން ސަޢީދު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ހަމައަށް މިސަރުކާރުގެ ކޯލިޝަން ދެމި އޮންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ސަރުކާރުގެ ކޯލިޝަންގައި 8 ސިޔާސީ ޕާޓީ ހިމެނޭއިރު ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ވަޒީރުންގެ މަޤާމްތައް ފުރުއްވަމުން ގެންދަވަނީ ޤާބިލް އިޚްލާސްތެރި ބޭފުޅުންކަމަށް ޑރ ހަސަން ވިދާޅުވިއެވެ.
ޑރ ހަސަން ވިދާޅުވީ މިސަރުކާރުގައި ހިމެނޭ ހަމަ ކޮންމެ ސިޔާސީ ޕާޓީއަކީވެސް ތަފާތު ފިކުރުގެ ޕާޓީތަކެއް ނަމަވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް އެއިން ކޮންމެ ޕާޓީއަކަށްވެސް ޤައުމުގެ ހައްޤުގައި މަސައްކަތް ކުރެވޭނެކަމަށެވެ.
އެމްޑީޕީއާއި އެހެން ސިޔާސީ ޕާޓީތަކާއިހުރި ތަފާތަކީ އެއީކަން ފާހަގަކުރައްވާ ޑރ ހަސަން ވިދާޅުވީ ކޯލިޝަން ބަލިކަށިވެގެން ނުދާނެކަމަށެވެ.
ސަރުކާރުގެ ތެރޭގައި 8 ސިޔާސީ ޕާޓީ ހަރަކާތްތެރިވާއިރު ޚިޔާލު ތަފާތުވުން ހުރުމަކީ މައްސަލައެއް ނޫންކަމަށާއި، އެމައްސަލަތައް ހައްލުކުރުމުގެ ޤާބިލްކަން ޕާޓީތަކުގައި ހުންނާނެކަމަށް ޑރ ހަސަން ވިދާޅުވިއެވެ.
ޑރ ހަސަން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ހަމައަށް އެކުގައި މަސައްކަތް ކުރުމަށްފަހު އިންތިޚާބުގައި ޕާޓީތަކުން ވަކިން މަސައްކަތް ކުރާނެކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ޤައުމަށްޓަކައި މިކޯލިޝަން އަލުން އުފެދޭނެކަން ޔަޤީންކުރައްވާ ކަމަށް ޑރ ހަސަން ވިދާޅުވިއެވެ.
ސަރުކާރުގެ ކޯލިޝަންގައި ބައިބައިވުން ހުރިކަމަށް ބުނެ އިދިކޮޅު ޕާޓީން ވާހަކަ ދައްކަމުންދާއިރު ބައެއް މައްސަލަތަކުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ބޮޑެތި ޚިޔާލް ތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
ރިޔާސީ އިންތިޚާބާ ހަމައަށް ކޯލިޝަން ދެމިއޮންނާނެ: ޑރ.ޙަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ