އަބްދުﷲ ގާޒީ މިފަހަރު ވެސް ހައި ކޯޓަށް ހާޒިރެއް ނުކުރި

ގޭގައި ހުއްޓައި ގަދަކަމުން ސިފައިން ގެންގޮސް ކ. ގިރިފުށީގައި ގެންގުޅެމުންދާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިސް ގާޒީ ހާޒިރުކުރުމަށް ދެ ވަނަ ފަހަރު އެންގި އަމުރަށް ވެސް ސިފައިން ނުކިޔަމަންތެރިވެ އޭނާ ހާޒިރެއް ނުކުރި އެވެ. މި މަހުގެ 16 ގައި ސިފައިން ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުވުމަށް ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށް ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވި އެވެ. ނަމަވެސް އެ އަމުރަށް މިފަހަރު ވެސް ސިފައިން ކިޔަމަންތެރިވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރުއީ އެކި ކޯޓުތަކުން ނެރެފައިވާ ހަ އަމުރަކަށް މީގެ ކުރިން ވެސް ސިފައިން ވަނީ ނުކިޔަމަންތެރިވެފަ އެވެ. އެއީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އޭނާ ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނެރުނު ދެ އަމުރެވެ. އަމީން ވިދާޅުވީ އެއީ އަބްދުﷲ މުހައްމަދު ހާޒިރުވެގެން ނުވަތަ އޭނާގެ ބަދަލުގައި މީހަކު ހަމަޖައްސައިގެން ކުރިއަށް ދެވެން އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން އަވަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ކުރިއަށް ގެންދެވޭނީ އަބްދުﷲ މުހައްމަދު ހާޒިރުކޮށްގެން ނުވަތަ އޭނާގެ ބަދަލުގައި މީހަކު ހަމަޖައްސައިގެން ކަމަށް އަމީން ވިދާޅުވި އެވެ. ހައި ކޯޓުން ބަލަމުން ދަނީ އަބަދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް އޮތްކަން ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ ނިންމުން ސިވިލް ކޯޓަށް އޭނާ ހުށަހެޅުއްވުމުން އެ ކޯޓުން ނެރުނު އަމުރާ ގުޅޭ މައްސަލައެކެވެ. ކޮމިޝަނުން ބުނަނީ ދަށު ކޯޓުގެ ގާޒީއެއްގެ މައްސަލަ ހަމަ އޭނާއާ އެއް ފެންވަރެއްގެ އެހެން ގާޒީއަކަށް ނުބެލޭނެ ކަމަށެވެ. ސުލޫކީ މައްސަލަ ހުރި ކަމަށް ޖޭއެސްސީން ނިންމުމުން އަބްދުﷲ މުހައްމަދު ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީގެ ނިންމުން އައީ އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ހަމަހަމަކަމުގެ މިންގަނޑާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަބްދުﷲ މުހައްމަދަށް ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ނުހިންގޭނެ ކަމަށް ބުނެ ޖޭއެސްސީން އެންމެ ފުރަތަމަ ދިޔައީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރަން ޖެހޭނީ ހައި ކޯޓުގައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓަށް ވައްދާފައި ވަނީ ރަސްމީ ބަންދު ދުވަހެއް ކަމަށްވާ މިދިޔަ ގައުމީ ދުވަހު ކޯޓު ހުޅުވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ