ޖީއެމްއާރަށް އެއްވެސް ކަމެއް ކޮށްދޭނަމެކޭ ނުބުނަން: މައުމޫން

ޕީޕީއެމްގެ ވެރިކަމެއްގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރުން އާ ހުށަހެޅުމެއް ހުށަހަޅައިފި ނަމަ ވާހަކަ ދައްކަން ތައްޔާރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ހަވާލާދެއްވައި އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރި ވާހަކަތައް އެމަނިކުފާނު މިރޭ ދޮގުކުރައްވައިފި އެވެ. ބޭސްފަރުވާ އަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހަވީރު"ން ސުވާލުކުރުމުން މައުމޫން ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް އިންޑިއާގެ މީޑިއާގައި އެމަނިކުފާނު ދައްކަވާފައި ނުވާނެ ކަމަށެވެ. "އަޅުގަނޑު އެކަހަލަ އެއްޗެއް ނުބުނަން. އެނގިވަޑައިގަންނަވާނެ އިންޓަވިއުތަކުގައި ދެކެވޭ ވާހަކަތައް އެކި ނޫހުން ޖަހާނީ އެކި ގޮތަށް. އަޅުގަނޑު އެއްވެސް ހާލެއްގައި ނުބުނަން ޖީއެމްއާރަށް ޕީޕީއެމް ސަރުކާރެއްގައި އެއާޕޯޓް ދޭނަމެކޭ. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. ހަގީގަތުގައި އަޅުގަނޑު ހިޔާލެއް ފާޅެއް ނުވެސް ކުރަން،" މައުމޫން ވިދާޅުވި އެވެ. އިންޑިއާގެ އެންމެ ބޮޑު ނިއުސް އެޖެންސީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖީއެމްއާރު ވިޔަސް އަދި އެހެން ކުންފުންޏެއް ނަމަވެސް ދެ ފަރާތަށް ގެއްލުން ނުވާނެ އެގްރިމަންޓެއް އޮތް ނަމަ މަރުހަބާ ކިޔާނެ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން "ހަވީރު"ން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މައުމޫން ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި އަމަލުކުރާނެ ގޮތާ ބެހޭ އެއްވެސް ވާހަކައެއް މީޑިއާގައި ދައްކާފައި ނުވާނެ ކަމަށެވެ. "އަޅުގަނޑު ބުނާ ވާހަކަ އަކީ އަޅުގަނޑުމެންނަކީ ކުރާ އެގްރިމަންޓަށް ކަމޭހިތާނެ ބަޔެކޭ. ބޭރުގެ އިންވެސްޓަރުންނާ އެކީގައި އެގްރިމަންޓެއް ކޮށްފިއްޔާ އެ އެގްރިމަންޓް ހިމާޔަތްކުރަން ރާއްޖޭގެ ގާނޫނާއި ގަވާއިދު ތަންދޭ ގޮތެއްގެ މަތިން ދިވެހި ރައްޔިތުންނަށް ގެއްލުމެއްނުވާ ގޮތަށް އަޅުގަނޑުމެން ހިމާޔަތްކޮށްދޭނަމޭ. އެހެން އަޅުގަނޑު ބުނީ،" މައުމޫން ވިދާޅުވި އެވެ. "އޭގެ މާނައަކީ އިންޑިއާގެ ވަކި ބަޔަކަށް ކަމެއް ކޮށްދޭނަމޭ ބުނީކީއެއް ނޫން. އަދި އެހެން ގައުމަކަށް ވެސް ކަމެއް ކޮށްދޭނަމޭ ބުނީއެއް ނޫން. ޖީއެމްއާރަށް އެއްވެސް ކަމެއް ކޮށްދޭނަމޭ ނުބުނަން،" މައުމޫން ވިދާޅުވި އެވެ. ރާއްޖެ އަކީ އިންވެސްޓްމަންޓަށް ބޭނުންވެފައިވާ ގައުމަކަށް ވާއިރު އިންވެސްޓްމަންޓް ހިމާޔަތްކުރުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރަމުން އަންނަ ކަމެއް ކަން ފާހަގަކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ. "އެއްވެސް ހާލެއްގައި ޖީއެމްއާރަށް މިވެނި ކަމެއް ކޮށްދޭނަމޭ ބުނެފައެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ. ޖީއެމްއާރު މައްސަލާގައި ޕީޕީއެމްގެ ކައުންސިލުން ނިންމި ގޮތް ސަރުކާރާ ހިއްސާކުރިއިރު، އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްގެން ހައްލުކުރަން ރައީސް ވަހީދު އަރިހު ދެންނެވިންތޯ ސުވާލުކުރުމުން ވިދާޅުވީ ދެ ކަމެއް ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން ޖީއެމްއާރު އެގްރިމަންޓު އުވާލުމާއި ދިވެހި ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު އޮތް ގާތް ގުޅުމާ މެދު ވިސްނައި، އެގްރިމަންޓް އުވާލުމުގެ ކުރިން އިންޑިއާ ސަރުކާރަށް ރާއްޖެ އިން ދެކޭ ގޮތް ހާމަކޮށްދީ މަޝްވަރާކުރެވި ގުޅުމަށް ބުރޫނާރާ ގޮތަށް ކަންކަން ކުރުމަށް ރައީސް އޮފީހުގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ޖީއެމްއާރު މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރަން އެއްވެސް ހައިސިއްޔަތަކުން ޕީޕީއެމުން ހުށަހަޅާފައި ނުވާ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ ކަމަށް "ހަވީރު"ން ސުވާލުކުރުމުން މައުމޫން ވިދާޅުވީ "އެކަމަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ" ކަމަށެވެ. "އެ އޮތީ ލިޔެކިޔުމުން ފެންނާށޭ. އަޅުގަނޑުމެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޕީޕީއެމުން ފޮނުވި ރަސްމީ ސިޓީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއޭ، އެ ބައްލަވާލައްވާށޭ،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ބަދަހި، ރަހުމަތްތެރި ގުޅުމެއް ކަމަށާއި ފަހަކަށް އައިސް އެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އެހެންވެ އަލުން އެ ގުޅުން ކުރިން އޮތް މިންވަރަށް އިއާދަކޮށް، ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި އެހެން ވެސް އިސް އޮފިޝަލުންނާ އެކު މަޝްވަރާކުރިއަށް ދިޔަ ކަމަށް މައުމޫން ވިދާޅުވި އެވެ. "އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް ގިނަ މަސައްކަތްތަކެއް މީގެ ކުރިން ކޮށްދީފައިވާ ގައުމެކޭ. ހަމައެގޮތަށް އަޅުގަނޑުމެން ބޭނުންވެއޭ ޕީޕީއެމް ސަރުކާރެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދޭތެރޭ ވަރަށް ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން އޮތުން. އަދި އޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާތަކެއް ކުރަމުން ދިއުން،" މައުމޫން ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިންޑިއާ އިން ވަކި ފަރާތަކަށް ތާއީދުނުކުރި ނަމަވެސް އެމަނިކުފާނު ވެރިކަމުގައި ހުރި ދުވަސްވަރު އިންޑިއާ އާއި ރަހުމަތްތެރި އެހެން ގައުމުތަކާ އެމެދު ކަންތައް ކޮށްފައި ވަނީ ރަނގަޅަށްކަން ފާހަގަކޮށް، އިންޑިއާ އިން ތައުރީފްކުރި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން މާލެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ކިޔަން ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ގޮސް ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ