އިންޖީނުގެ ހޫނުން ފެން އުފެއްދުމަށް ބޭރު ބަޔަކާ އެކު ސްޓެލްކޯއިން އެއްބަސްވެއްޖެ

އިންޖީނުގެ ހޫނުން ބޯފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް އިނގިރޭސި ކުންފުންޏެއް ކަމަށްވާ އެކްއިވާ ފައުންޑޭޝަނާއި ސްޓެލްކޯއާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ސްޓެލްކޯގެ ސީނިއާ އިންޖިނިއާ އިބްރާހިމް އައްޒާމް ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯއިން ހިންގާ ހުރިހާ އިންޖީނުގެ ތަކެއްގައި، އިންޖީނު ހިންގައިގެން އުފެދޭ ހޫނުން ފެން އުފައްދާ ނިޒާމެއް ގާއިމްކުރާނެ ކަމަށެވެ. އަދި އެ ފެން އުފައްދާނީ ބޯން ކަމުދާ ކޮލިޓީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަޝްރޫއު ހިންގުމަށް އުފައްދާ ޖޮއިންޓް ވެންޗާގައި ސްޓެލްކޯ އާއި އެކްއިވާ ފައުންޑޭޝަނުން ހަމަހަމައަށް ހިއްސާވާނެ ކަމަށް އައްޒާމް ވިދާޅުވި އެވެ. އައްޒާމް ވިދާޅުވީ އެ މަޝްރޫއަށް ސްޓެލްކޯއިން ފައިސާއެއް ހަރަދު ނުކުރާނެ ކަމަށާއި ސްޓެލްކޯއިން ފޯރުކޮށްދޭނީ އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކަމަށެވެ. އަދި އެކުއިވާއިން އެ ކަމަށް ބޭނުންވާ ސާމާނު ހޯދުމާއި ޕްރޮޖެކްޓްގެ އެހެން ބައެއް ހަރަދުތައް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ މަސައްކަތް ހިންގާނީ ކ. ގުޅީގައި ކަމަށް އައްޒާމް ވިދާޅުވި އެވެ. އެ މަޝްރޫއު އޮކްޓޫބަރު މަހު ފަށާއިރު ދުވާލަކު 10،000 ލީޓަރުގެ ފެން އުފެއްދޭނެ މެޝިނެއް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ތަޖުރިބާއަށް ބެލުމަށް ފަހު އެހެން ރަށްރަށުގައި އާބާދީއާ އެއްވަރަށް މެޝިންތައް ބޮޑުކުރާނެ ކަމަށް ވެސް އައްޒާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މަގުސަދަކީ ބޯފެނުގެ އަގު ބާޒާރުގައި މިއަށް ވުރެ ހެޔޮކޮށް ބެހެއްޓުން. އެކަމުން އާންމުންނަށް ލުއިތަކެއް ހޯދައިދިނުން މި މަޝްރޫއުގެ ބޭނުމަކީ. މިއީ ވަރަށް ބޭނުންތެރި މަޝްރޫއަކަށް ވާނެ،" އައްޒާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ