އިންޖީނެއްގައި މައްސަލަ ޖެހި އައްޑޫގެ ތިން ރަށަކުން އެކި ގަޑިތަކުގައި ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގެ ގޭގެ އިންޖިނީއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ރަށަކުން އެކި ގަޑިތަކުގައި ތިން ދުވަސް ވަންދެން ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން މިއަދު ބުނެފި އެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މިއަދުން ފެށިގެން ތިން ދުވަސް ވަންދެން އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުން ގެންދާނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫން ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ކަނޑަން ޖެހުނީ މަރުކަޒީ އިންޖީނުގޭގައި ހުރި އިންޖީނުތަކުގެ ތެރެއިން އެއް މެގަވޮޓްގެ އިންޖީނުގެ ކޮއިލް އަނދައިގެން ކަމަށެވެ. އެ އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެސްޔޫއެލް އިން ބުންޏެވެ. "މިއަދުން ފެށިގެން ތިން ރަށުގެ އެކި ސަރަހައްދުތަކުން ތިން ދުވަސް ވަންދެން ބައިގަޑިއެއްހާ އިރަށް ކަރަންޓް ކަނޑަމުން ގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ. "ހާއްސަކޮށް ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓް ކަނޑާނެ. އެގޮތުން މެންދުރާއި ރޭގަނޑު 8- 11 އާ ދޭތެރޭ ވަގުތަކުގައި ވެސް ކަރަންޓް ކަނޑާނެ. އެހެންވެ އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އަޅުގަނޑުމެން މައާފަށް ވެސް އެދެން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ