ބަލަމުންދާ މައްސަލައެއްގެ ރޯ ފުޓޭޖް އެއްވެސް ބަޔަކަށް ނުލިބޭނެ: އުމަރު

ފުލުހުން ތަހުގީގުކޮށް ނުނިމޭ މައްސަލައެއްގެ ރޯ ފުޓޭޖް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާ އާ ގުޅިގެން ރާއްޖޭގެ އަމިއްލަ ޓިވީ ސްޓޭޝަނަކުން ރޭ އާއްމުކުރި ވީޑިއޯއާ ގުޅިގެން ޗެނެލް 13 އަށް އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ތަހުޤީގު ކުރަމުންދާ މައްސަލަތަކުގެ ވީޑިއޯ ތަަކަކީ ހަމައެކަނި ފުލުހުންގެ އަތުގައި ހުންނާނެ އެއްޗެއްކަމަށެވެ. އަދި އެފަދަ ވީޑިއޯ އެއް އާއްމުކުރުމުގެ ކުރިން ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތުކޮށް ފުލުހުންގެ ތިން އޮފިސަރަކު ސޮއިކުރަން ޖެހޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.ފިނިފެންމާ ލޯންޗުގޮއްވާލި ހާދިސާގެ އަސްލު ފޫޓެޖް ކަމަށް ބުނެ އަމިއްލަ ޓީވީ ސްޓޭޝަނަކުން އާއްމު ކުރި ވީޑީއޯ އާ ގުޅިގެން ފިނިފެންމާ ލޯންޗު ގޮއްވާލުމުގެ ހާދިސާ ތަފާތު ގޮތްތަކަށް މީޑީޔާތަކުގައި ދަނީ ރިޕޯޓުކުރަމުންނެވެ. ޓީވީން ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި އަލިފާނުގެ އެއްވެސް އަސަރެއް ނުފެންނަ ކަމަށް ބުނާ އެޑިޓް ކޮށްފައިވާ ވީޑިއޯއެއް އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި އަމިއްލަ ޓީވީ ސްޓޭޝަނަކުން އާންމުކުުރިއިރު އެކަމާ ގުޅިގެން އުމަރުވަނީ ޗެނެލް13 އަށް އިންޓަރވިއުއެއް ދެއްވާފައެވެ. އުމަރު ވިދާޅުވެފައިވަނީ ރަައީސް އޮފީހުގެ އޭރުގެ ކެމެރާމަންގެ ކެމެރާއަށް އެކަނި ކަމަށް އެހާދިސާގެ ވީޑިއޯ އަރާފައިވަނީ، އެއީ އެ ހާދިސާ ހިނގި ވަގުތު އެހެން އެއްވެސް މީޑީޔާއެއްގެ ކެމެރާ ރޯލުކުރަން ފަށާފައި ނުވުމުން ކަމަށެވެ. އެހެންކަމުން އެ ހާދިސާ ތަހުގިގުކުރަން ރޯ ފޫޓެޖް ނެގީ ރައީސް އޮފީހުގެ ކެމެރާމަންގެ ކެމެރާއިން ކަމަށާ ރޯ މެޓީރިއަލް އޮންނާނީ ރައީސް އޮފީހުގަ އާއި ފުލުހުންގެ އަތުގައި ކަމަށެވެ. އެހެން ކަމުން އެ ވީޑިއޯ އޭރުގެ ސަރުކާރުން އެޑިޓްކޮށްފައިވޭތޯ ބަލާ ތަހުގީގު ކުރުމަށްވެސް ވަނީ ވިދާޅުވެފައެވެ.އުމަރު އިތުރަށް ވިދާޅުވީ، ލޯންޗު ގޮއްވާލި ހާދިސާގައި އަލިފާން ނުފެންނަކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށާ އެކަން އެގޮތަށް ވެދާނެ ކަމަށެވެ. އެއީ އެފަދަ ބާރުގަދަ އެއްޗެއް ގޮވާއިރު އަލިފާން ހުންނާނީ ވަރަށް މަދު ސިކުންތު ކޮޅަކަށް ކަމަށާ އަލިފާން ފެނިގެންދާނީވެސް ކަންޏެއް ފެންނަ ފަދައިން ކަމަށެވެ. އަދި ހާދިސާ ހިނގަތާ އެތޭރޭގަ އިންނަ ބޭފުޅަކަށް އަދި އެތަން ނުފެނި ދާނެ ކަމަށާ އެއީ އެފަދަ ބާރު އަޑާއެކު އަންނަ ލޮޅުމުގެ ސަބަބުން ލޯތައް މެރިގެންދާނެތީ ކަމަށް އުމަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ވީޑިއޯއަކުން ބަލާއިރު އަލިފާން ފެނިގެންދާނީ އެ ވީޑިއޯއެއް ސްލޯކޮށްފައި ބެލުމުން ކަަމަށް އުމަރު ވިދާޅުވިއެވެ.އުމަރު އިތުރަށް ވިދާޅުވީ، އެ ހާދިސާގައި ގޮވާ ޒާތުގެ އެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައި ހުރީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ހުރި އެންމެ ބާރުގަދަ ގޮވާތަކެތި ކަމަށް. އުމަރު އެމޭރުމުން ވާހަކަދައްކަވާފައިވައިރު ފާހަގަކޮށްލަން ޖެހެނީ، އުމަރު ނަސިރަކީ، ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާ ގޮއްވާލި ޙާދިސާ ތަހުޤީގުކުރުމަށް އެކުލަވާލި ކޮމިޝަންގެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާކަމާ އަދި އެހާދިސާ ތަހުގީގު ކުރުމުގެ ކަންކަން އޭރު ދިޔައީ އެމަނިކުފާނުގެ ފުރިހަމަ ބެލުމުގެ ދަށުންކަމެވެ. އެހެންކަމުން އެ ހާދިސާއާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު އެނގިވަޑައިގަންނަަވާ އެއް ބޭފުޅަކީ އުމަރު ނަސީރު ކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ