ކޮރަޕްޝަން ހުއްޓުވުމަށް ހުރިހާ ރައްޔިތުން ރިޕޯޓްކުރަން ފެށްޓެވުމަށް ރައީސް އިލްތިމާސްކުރައްވައިފި

އާންމު ރައްޔިތުންނާއި ސަރުކާރުގެ މުވައްޒަފުން ކޮރަޕްޝަން ހުއްޓުވުމަށް ރިޕޯޓްކުރަން ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާހުކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފޮހެލައި ގައުމު އިސްލާހުކޮށް ނަޒާހަތްތެރި މުޖުތަމައެއް ބިނާ ކުރެވޭނީ ހުރިހާ ފަރާތްތަކުގެވެސް ވަރަށްބޮޑު އެއްބާރުލުމަކާއެކުގައި ކަމަށެވެ.
"ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅު ކުރައްވަންވީ ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެކަމަށް ބޭނުންވަނީ ކޮންމެ ފަރާތެއްގެވެސް އިހުލާސްތެރިކަމާއި ޒަމީރުގެ ތެދުވެރިކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިއަދަކީ ގައުމުގެ ކޮންމެ ފަރުދަކު އެކަމަށް [ކޮރަޕްޝަން ހުއްޓުވުމަށް] ފަށައިގަންނަ ދުވަހެއްކަމުގައި ހައްދަވަމާ ހިންގަވާ!،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ