ގޭ ފުރާޅުން އުފައްދާ ކަރަންޓް ކުޑަފަރީ އިންޖީނުގެއަށް ވިއްކާނެ އޮނިގަނޑެއް ހަދަންޖެހޭ: ނަޝީދު

ނ. ކުޑަފަރީގައި ގޭގޭ ފުރާޅުން އުފައްދާ ކަރަންޓް، އެރަށު އިންޖީނުގެއަށް ވިއްކޭނެ އޮނިގަނޑެއް ރައްޔިތުންގެ މަޖިލީހުން އުފައްދަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ އަހުމަދު އީސާގެ ކެމްޕެއިން ލޯންޗްކުރުމަށް މިއަދު ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖަޒީރާ ރަށްތައް ތަރައްގީ ކުރެވޭނެ ވަރަށްގިނަ ހަމަތައް އެބަހުރި ކަމަށެވެ.
ނަޝީދު ވިދާޅުވީ ކުޑަފަރީގައި ކަރަންޓް ޔުނިޓެއްގެ އަގު ހަ ރުފިޔާއަށް ނުވަތަ، ހަތް ރުފިޔާއަށް ހުރިއިރު ކަރަންޓް އުފައްދަންވާނީ ވެސް އެއަގުގައި ކަމަށެވެ. އަދި އަވިން ކަރަންޓް އުފެއްދުމުން ޔުނިޓަކަށް ދެރުފިޔާ ބަޔަށް ވުރެ އިތުރު ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
''ގޭ ފުރާޅުގައި އުފައްދާ ކަރަންޓް މިރަށު އިންޖީނުގެއަށް ވިއްކޭނެ އޮނިގަނޑެއް އެބަ އުފައްދަންޖެހޭ ރައްޔިތުންގެ މަޖިލީހުން. ޖަޒީރާ ރަށްތައް ތަރައްގީ ކުރެވޭނެ އެކަހަލަ ވަރަށް ވަރަށް ގިނަ ހަމަތަކެއް އެބަހުރި.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ގޭ ފުރާޅުން ކަރަންޓް އުފައްދާނަމަ، ކަރަންޓްގެ އަގު ދެ ރުފިޔާ ބަޔަށް ޔުނިޓެއް ހެދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ބަނދަރުތައް ވެސް ހަދާފައިވަނީ ރަށާ މާދުރުގައިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރަށުގެ ބަނދަރަށް ގެންނަންވީ ބަދަލަކީ ގުދުރަތީ ރޭވުމަށް ރަށް ދޫކޮށްލުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަދި ގުދުރަތީ އެ ރޭވުމަށް ރައްޔިތުން އިންކާރު ނުކުރުމަށާއި ތޮށީގައި ބޮޑު ހިލަ ނުޖެހުމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ގުދުރަތުގެ އުސޫލުން ރަށް ތަރައްގީ ކުރުމަށް ނަޝީދު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުޑަފަރީއަށް ވެހޭ ވާރޭފެނުގެ ތެރެއިން މިހާރު ރައްކާކުރެވޭ ގޮތައް ހުރި 100 ޓަނުގެ ފެން، ރައްޔިތުން އަހަރު ދުވަހު ބޯން ބޭނުންކުރާއިރު ފެން ރައްކާކުރުމަށް އޮތް ހަމައެކަނި ގޮތަކީ އެއީ ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ