ރައްޔިތުން އެންމެ ބޭނުންވަނީ ބަނދަރެއް: ރިނބުދޫ ކައުންސިލް

ދ. ރިނބުދޫ ރައްޔިތުން އެންމެ ބޭނުންވަނީ އެރަށުގައި ބަނދަރެއް ހެދުމަށް ކަމަށް ރިނބުދޫ ކައުންސިލުން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހީމް ވިދާޅުވީ ރިނބުދޫ އަކީ އެއްވެސް ދުވަސްވަރަކު ސަރުކާރުން ބަނދަރެއް ހަދައިދީފައި ނުވާ ރަށެއް ކަމަށެވެ. އެހެންކަމުން ރިނބުދޫ ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ އެރަށުގައި ޒަމަނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ހާތިމް ވިދާޅުވީ އެރަށުގައި މިހާރު ބަނދަރެއް ގޮތަށް ބޭނުން ކުރަނީ ރައްޔިތުން އަމިއްލައަށް ފަޅުފުންކޮށްލައިގެން ތޮށިގަނޑެއް ލާފައިވާ ތަނެއް ކަމަށާއި އެތަން ބޭނުންކުރުމުގައި ރިނބުދޫ ރައްޔިތުންނަށްވެސް އަދި އެތަން ބޭނުން ކުރާ އެހެން ރަށްރަށުގެ އުޅަނދުތަކަށާއި ރައްޔިތުންނަށްވެސް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ހާތިމް ވިދާޅުވީ އެރަށުގެ ކައިރީގައި ގިނަ ރިސޯޓްތަކެއް ހަދަމުންދާތީއާއި ބައެއް ރިސޯޓްތަކުން ހިދުމަތް ދެމުންދާތީ އެތަންތަނުގެ އުޅަނދުތަކާއި މުވައްޒަފުން ވެސް ރިނބުދޫ އަށްދާ ކަމަށެވެ. އަދި އެހެން ރަށްރަށުން ބައެއް މަސް ދޯނިތަކާއި މުދާ އުފުލާ ބޯޓުތައް ގިނަ އަދަދަަކަށް އެރަށަށް ދާތީ މިހާރުން މިހާރަށްވެސް ރިނބުދޫ އަށް ބަނދަރެއް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
ރިނބުދޫގައި ބަނދަރެއް ހަދައިދިނުމަށް ވަރަށް ގިނަ ސަރުކާރު ތަކުގައި އެދިފައިވާނެ ކަމަށާއި ނަަމަވެސް މިއަދާ ހަަމައަށްވެސް ސަރުކާރުން އެރަށުގައި ބަނދަރެއް ހަދައިދީފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ހާތިމް ވިދާޅުވި އެވެ. މިއަހަރުގެ ބަޖެޓްގައި ރިނބުދޫގެ ބަނދަރު ހެދުމަށް 15 މިލިއަން ރުފިޔާ ހިމަނާފައިވާތީ މިއަހަރުގެ ތެރޭގައި ރިނބުދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަަމަށް ރައްޔިތުން ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ހާތިމް އިތުރަށް ވިދާޅުވީ ރިނބުދޫ ކައުންސިލުން ބޭނުންވަނީ އެރަށުގައި 700 ފޫޓް ދިގު އަދި 250 ފޫޓް ފުޅާ ބަނދަރެއް ހެދުމަށް ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުން އެވަރުގެ ބަނދަރެއް ނުހެދޭނެ ކަމަށްވެސް ވިދާޅުވި އެވެެ. ނަމަވެސް އުއްމީދަކީ ރިނބުދޫ ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ބަނދަރު ސަރުކާރުން ހަދައިދިނުން ކަމަށްވެސް ހާތިމް ވަނީ ވިދާޅުވެފަ އެވެ.
ސުނާމީގައި ބޮޑު ގެއްލުމެއް ލިބިފައިވާ ރިނބުދޫގެ 240 މީހުން ވަނީ ސުނާމީއަށް ފަހު ކ. ތުލުސްދޫއަށް ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން މިހާރު ރިނބުދޫގެ އާބާދީގައި ހިމެނެނީ 573 މީހުންނެވެ. ނަމަވެސް ރިނބުދޫ ކައުންސިލުން ބުނީ އެރަށުގައި ހުންނަ 82 ގޭބިސީގައި ރަށުގެ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުންވެސް ދިރިއުޅެމުންދާތީ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ އާބާދީއަށް ވުރެ ގިނަ މީހުން އާންމުކޮށް ރިނބުދޫގައި އުޅޭ ކަަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ