ފޯނު ވިއްކާ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލައެއް ބަލަނީ

ފޯނު ވިއްކާ ކަމަށްބުނެ ފޭސްބުކްގައި ޕޭޖެއް ހަދައިގެން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މުހައްމަދު ޓެލެކޮމިއުނިކޭޝަން ލިމިޓެޑްގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުން އައިފޯން 10 ގެނެސްދޭނެ ކަމަށް ބުނެ ދެ މީހެއްގެ އަތުން ފައިސާ އަތުލި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ފޯން ގެނައުމަށް ފައިސާ ޖަމާކޮށްފައިވަނީ ދިވެހި އަންހެނެއްގެ އެކައުންޓަށް ކަމަށެވެ. އަދި އެމީހާ ގެނެސް މައްސަލަ ތަޙްޤީޤު ކުރުމުގައި އެމީހާއަށް އެ ޕޭޖުން އޮޅުވާލައި ފައިސާ ނަގާފައިވާކަމަށް އެއަންހެން މީހާއާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
"އަދި ފަހުން އޭނާ އަކީ ރާއްޖޭގެ އެޖެންޓު ކަމަށް ނިންމައި، އެހެން ދިވެހިންގެ އަތުން ތަފާތު އަދަދުތަކަށް ފައިސާ ނެގުމަށްފަހު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރަމުންދާ ކަމަށާއި، އަދި ފައިސާ ޖަމާކުރި ސްލިޕް ބޭރުން އޭނާއަށް ވައިބާ ކުރުމުން މުހައްމަދު ޓެލެކޮމިއުނިކޭޝަނުން ބުނާ ނައިޖީރިއާގެ އެޑްރެސް ތަކަކަށް އެ ފައިސާ ވެސްޓަން ޔޫނިއަން މެދުވެރިކޮށް ފޮނުވަމުންދާ ކަމަށް ތަޙްޤީޤަށް ވަނީ މައުލޫމާތުދީފައި"ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު ޓެލެކޮމިއުނިކޭޝަން ނަމުގައި ހިންގަމުންދާ ފޭސްބުކް ޕޭޖް އަދިވެސް ކުރިއަށް އެބަގެންދެއެވެ. މީގެ އިތުރަށްވެސް ދޭތެރެ ދޭތެރެއިން މިކަހަލަ ފޭރުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ