'އެންމެންގެ އެޑަމް' މާލޭގައި ދިރިއުޅޭ މަޑުއްވަރީ ދާއިރާގެ ޒުވާނުންނާއި ބައްދަލުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރާ އާދަމް ޝިހާމް މާލޭގައި ދިރިއުޅޭ މަޑުއްވަރީ ދާއިރާގެ ޒުވާނުންނާއި ބައްދަލުކޮށްފިއެވެ.
 
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ހ. އީސްޓް ލައިޓުގެ ޓެރެސްގައި ރޭގައެވެ. މި ބައްދަލުވުމުގައި އެމް.ޑީ.ޕީގެ ޒުވާނުން މެމްބަރުންނާއި އެމް.ޑީ.ޕީގެ ޕްރައިމަރީގައި އާދަމް ޝިހާމާއި ވާދަކޮށް ނާކާމިޔާބުވި އެމް.ޑީ.ޕީ  މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކުވެސް ބައިވެރިވެލެއްވިއެވެ.
 
މި ބައްދަލުވުމުގައި އެމް.ޑީ.ޕީގެ މަޖިލިސް ކެންޑިޑޭޓު އާދަމް ޝިހާމްވަނީ ޒުވާނުންމަށް ކުރި އެރުމާއި ތަރައްޤީގެ އުއްމީދުތަކެއް ދެއްވާފައެވެ. ހަމައެއާއިއެކު މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ ރައީސް މޫސާ އަލީ މަނިކުވަނީ އާދަމް ޝިހާމްއާއިއެކީ މަޖިލިސް އިންޠިހާބު ކާމިޔާބުކުރަން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދީފައެވެ.
 
މި ބައްދަލުވުމުގައި އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާގެ ނައިބު ރައީސް ފާއިޒްގެ އިތުރުން މީދޫ އެމް.ޑީ.ޕީ ގޮފީގެ ރައީސް ރާފިޔުވެސްވަނީ ވާހަކަދައްކާފައެވެ. މި ބައްދަލުކުރުމަކީ ޕްރައިމަރީއަށްފަހު މި ފަދަ ގޮތަކަށް އާދަމް ޝިހާމް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
 
މަޖިލިސް އިންޠިހާބުގެ ކެމްޕެއިން އެމް.ޑީ.ޕީން ރަސްމީކޮށް ފެށުމަށް ހަމަޖައްސާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ކާނިވަލުގައި ބާއްވާ ހާއްސަ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ