ޖިނާއި އަދުލުގެ ނިޒާމަށް ބޭނުންވާ ގާނޫނުތައް ނެތި ރާއްޖޭގައި ސުލްހަ ގާއިމެއް ނުވާނެ: ޑީއާރްޕީ

ޖިނާއީ އަދުލުގެ ނިޒާމް އެކަށައަޅާނެ ގާނޫނުތައް ނެތި ރާއްޖޭގައި ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމް ނުކުރެވޭނެކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީގެ އޮފީހުގައި އެ ޕާޓީގެ ނާއިބް ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ ހެއްކާބެހޭ ގާނޫނާއި ގާނޫނުލް އުގޫބާތާއި އެނޫންވެސް ޖިނާއީ އަދުލުގެ ނިޒާމް އެކަށައަޅާނެ ގާނޫނުތައް ފާސް ނުވަނީސް ރާއްޖޭގައި ސުލްހަ މަސަލަސް ކަމާއި އަމަން އަމާންކަން ގާއިމް ނުކުރެވޭނެ ކަމަށާއި ކުރީގެ ސަރުކާރުން އެ ގާނޫނުތައް ގަސްދުގައި މަޑުޖައްސާފައިވާ ކަމަށެވެ.
"ހެއްކާއި ބެހޭ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމް އެކަށައަޅާނެ ގާނޫނަކާއި ގާނޫނުލް އުގޫބާތް ވަނީ އަދިވެސް ފާސް ނުކުރެވި މި ގާނޫނޫތައް ވަރަށް އަވަހަށް ފާސްކުރުމަށް [ޑީއާރްޕީން] ބާރުއަޅާނަން. މިދިޔަ ދުވަސްތަކުގައި މިކަމަށް ހުރަސް އަޅާފައި ވަނީ ކޮމެޓީތަކުގައި ތިއްބެވި އެމްޑީޕީ މެންބަރުންކަން ހިތާމަޔާއިއެކު ފާހަގަ ކުރަން. މިދެންނެވި ގާނޫނުތައް ނެތި. މިރާއްޖޭގައި ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމެއް ނުކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން އެ ގާނޫނުތައް ފާސްކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، އެ ގާނޫނުތައް ވީހާވެސް އަވަހަކަށް ފާސްކުރަން ބާރު އަޅައި ޑީއާރްޕީން މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ.
ރާއްޖޭގައި ބޮޑެތި ކުށްތައް ކުރާ މީހުންނަށް އަމާންކަމާއެކު އެމީހުން ބޭނުންވާ ހަރަކާތްތައް ހިންގަން ރައީސް ނަޝީދުގެ ސަރުކާރުން މާހައުލެއް ގާއިމްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާ ޝަރީފު ވިދާޅުވީ ބޮޑެތި މުޖުރިމުން ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ކުށްކުރުމަށް ފަސް ނުޖެހޭ ކަމަށެވެ.
މިފަހަކަށް އައިސް ސިފައިންނާއި ފުލުހުންނަށް ދެމުން ގެންދާ ހަމަލާތައް ވެސް ޑީއާރްޕީން ވަނީ މިއަދު ކުށްވެރިކޮށްފަ އެވެ. ޝަރީފު ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ހަމަލާދެމުން ދަނީ ބިރުދެއްކުމުގެ ގޮތުންކަމަށެވެ. ނަމަވެސް ދައްކާ ބިރަކަށް ފަސްނުޖެހި ކެތްތެރިކަމާ ހަރުދަނާ ކަމާއެކީ ސިފައިންނާއި ފުލުހުން ތިބުމަށް އިލްތިމާސް ކުރާކަމަށެވެ.
"ސިފައިންނާއި ފުލުހުންނަށް ދެމުން ގެންދާ ހަމަލާތައް ހަރުއަޑުން އަޅުގަނޑުމެން ކުށްވެރިކުރަން. އަޅުގަނޑުމެންގެ ޕާޓީން ސިފައިންނާއި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ. އަޅުގަނޑު ސިފައިންނާއި ފުލުހުންނަށް ދަންނަވާލަން އޮތީ ތިބޭފުޅުން ކެތްތެރިވާށޭ. ދައްކާ ބިރަކަށް ފަސް ނުޖެހޭށޭ. އެއްވެސް ފަސްޖެހުމެއްނެތި ހަރުދަނާ ކަމާއި އެކީ ތިބުމަށް އަޅުގަނޑުމެން ސިފައިންނާއި ފުލުހުންނަށް އިލްތިމާސް ކުރަން،" ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ