އިސްރާއިލް ފުލުހުން ފަލަސްތީނުގެ ތުއްތު ކުއްޖަކާއެކު، ތިން މީހަކު ޝަހީދު ކޮށްލައިފި

އިސްރާއިލްގެ ފުލުހުން ފަލަސްތީނުގައި ދިން ހަމަލާއެއްގައި، ފަަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.
މި ތިން މީހުންގެ ތެރޭގައި އަށް މަހުގެ ތުއްތު ކުއްޖެއް ހިމެނޭއިރު، މި ކުއްޖާ ޝަހީދުވެފައިވަނީ އިސްރާއިލް ފުލުހުން ކަރުނަ ގޭސް ބޭނުން ކުރުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ. ފަލަސްތީނުގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހުކުރުދުވަހު ބައިތުއްލަހަމް ކައިރީ އިސްރާއިލް ސިފައިން ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން އަށް މަހުގެ ރަމަޒާން މުހައްމަދު ފައިސަލް ތަވާބަތާ ވަނީ ޝަހީދު ވެފައިކަމަށެވެ.
ރަމަޒާންގެ އިތުރުން، ހުކުރު ދުވަހު އިސްރާއިލް ފުލުހުން ދިން ހަމަލާ ތަކުގައި ފަލަސްތީނުގެ އުމުރުން 20 އަހަރުގެ ޤައިޝަމް ސަބާނާ އާއި 17 އަހަރުގެ އެހެން ރައްޔިތެއް ޝަހީދުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެމީހުން ޝަހީދު ވެފައިވަނީ ޗެކްޕޮއިންޓެއް ކައިރީ ދެވުނު ހަމަލާއެއްގައެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތަކަށް އިސްރާއިލް ފުލުހުން ބަޑިން ހަމަލާ ދިނުމުގެ ސަބަބުން އޭނާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ކަމަށާއި، އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ބަޑިން ހަމަލާ ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުކުރު ދުވަހު އިސްރާއިލް ސިފައިން ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް އެތައް ހަމަލާތަކެއް ދީފައިވާއިރު، ފަލަސްތީނުގެ އާންމުންގެ ގިނަ ބަޔަކަށް ވަނީ މި ހަމަލާ ތަކުގައި އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.
މި ހިނގާ އޮކްޓޯމަބު މަހުގެ ތެރޭގައި އިސްރާއިލް ސިފައިންގެ ލާއިންސާނީ ހަމަލާ ތަކާއި، އަނިޔާ ތަކުގެ ސަބަބުން ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 69 އަކަށް އަރާފައިވާއިރު، އިސްރާއިލު ސިފައިން މިހާރުވެސް ދަނީ ފަލަސްތީނުގައި އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް އަނިޔާވެރި އެތައް ޖަރީމާ އެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ