ޓްއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު ނައިބު ރައީސްކަމުގެ މަގާމަށް ގެންނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ކަމަށްދޭހަވާ އިބާރާތަކުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ޓްވީޓެއް ކުރައްވައިފިއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ނައިބު ރައީސްކަމަށް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރައީސް މައުމޫން ރައީސް ޔާމީން އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެސިޓީގައި އަދީބު އަށް ނައިބު ރައީސްކަން ދެއްވައިފިނަމަ ރައީސް ޔާމީން އަށް ކުރެއްވި ތާއިދު އަނބުރާ ގެންދަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ތަޖުރިބާގެ ގޮތުންނާއި އިލްމީ ގޮތުން ބަލާއިރު ވެސް އަދީބު އަކީ ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ރައީސް މައުމޫން އެސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ވަގުތަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރަކު ވިދާޅުވީ އަދީބު ކޮށްދެއްވާ ޚިދުމަތްތައް ޕީޕީއެމްގެ ޕީޖީ ގްރޫޕުންނާއި ރައީސް ޔާމީން ބަލައިގެންނެވި ނަމަވެސް ރައީސް މައުމޫން އެކަން ބަލައި ނުގަންނަ ކަމަށެވެ. ރައީސް މައުމޫން ވަނީ އަދީބު އާއި ދެކޮޅަށް އެކި ފޯރަމްތަކުގައި އެކަން ފާޅުކުރައްވާފައި ކަމަށާއި ސީދާކޮށް އަދި ނުސީދާކޮށް ވެސް ރައީސް މައުމޫން އަދީބު އަށް ފާޑުވިދާޅުވެފައިވާ ކަމަށް ޕީޖީ މެންބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ޕީޖީ ގްރޫޕްގެ މެންބަރުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް މައުމޫން އާއި މަހްލޫފް އާއި ދެމެދު މިހާރު ވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި އެހެން ކަމުން މަހްލޫފް ދައްކަވާފައިވާ ވާހަކަފުޅު ގަބޫލުކުރެއްވޭ ކަމަށެވެ.
ނައިބު ރައީސް ކަމަށް އަދީބު ގެނައުމާއި މެދު ރައީސް މައުމޫންގެ ޚިޔާލުފުޅު ތަފާތުވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕް އިން ރައީސް މައުމޫން ނުހިމަނާ ވައިބާ ގްރޫޕް އެއް ހެދި މައްސަލަ ވެސް ހޫނުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ޚަބަރު ފެތުރިފައިވެއެވެ.
ނަމަވެސް ރައީސް މައުމޫން މީގެ ކުރިން ވިދާޅުވެފައި ވަނީ ނައިބު ރައީސް ކަމަށް ވަކި ބޭފުޅަކު ގެންނެވުމަށް އެމަނިކުފާނު ރައީސް ޔާމީން އަށް ދަންނަވާފައި ނުވާނެ ކަމަށެވެ.
އަދީބު ނައިބު ރައީސް ކަމަށް ގެންނަން ޔާމީން އަކަށް ނުކެރޭނެ – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ