ސަރުކާރުގެ މަޝްރޫއުތަކުގައި ވެސް ހަކަތަރި ޕްރޮގްރާމްގެ ތެރެއިން ހޯދާ ވަސީލަތްތައް ބޭނުންކުރާގޮތް ހަދަނީ

ސަރުކާރުގެ މަޝްރޫއުތަކުގައި ވެސް ހަކަތަރި ޕްރޮގްރާމްގެ ތެރެއިން ހޯދާ ވަސީލަތްތައް ބޭނުންކުރާގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. 
އިލެކްޓްރޯނިކް އިތުރު ބާވަތްތައް ހަކަތަރި ޕްރޮގްރާމުގެ ދަށުން ރާއްޖެ އެތެރެކުރުމާއި ގުޅޭ ގޮތުން އެ ވުޒާރާއާއި، ޔޫއެސްއެއިޑް ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕް އިފްތިތާޙްކޮށްދެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ވަޞީލަތްތައް ބޭނުންކުރުމުގެ އިތުރުން، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް އިތުރުކުރުމަށް ރާއްޖެއިން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މިޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއްކަމަށާއި މިހާރު ޕްރޮގްރާމް ކުރިއަށްދާގޮތުން ހަމައެކަނި މި މަޝްރޫޢުގެ ދަށުން އާއްމު ރައްޔިތުންނަށް އިސްކަންދިންނަމަވެސް ކުރިއަށް އޮތްތަނުގައި ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކަކީވެސް މިޕްރޮގްރާމްގެ ދަށުން ހަކަތަ ބޭނުންކުރާ އާލާތްތަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. 
މިގޮތުން މިކަމަށްޓަކައި ޕަބްލިކް ޕްރޮކިއުމަންޓުގެ ގަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ތާރިގު ވިދާޅުވިއެވެ. 
Advertisement
"އަޅުގަނޑުމެން ޕޮލިސީ ލެވެލްގައިވެސް މަސައްކަތްކުރަނީ، ކުރިއަށް އޮތްތަނުގައި ޕަބްލިކް ޕްރޮކިއުމަންޓަށް ގަވާއިދުތަކަށް ބަދަލުގެނެސް ޕަބްލިކް ޕްރޮކިއުމަންޓްގައި ބޭނުންކުރާ އެއްޗިއްސަކީވެސް ހަކަތަރި ޕްރޮގްރާމްގެ ތެރެއިން ހޯދާ އެއްޗިއްސަށް ހެދުމަށް. އަދި ސަރުކާރުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ އެއްޗިއްސަކީވެސް އެނަރޖީ އެފިޝިއަންޓް އެއްޗިއްސަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން."
ވަޒީރު ތާރިގު ވިދާޅުވިއެވެ.
މިއާއިއެކު، ބީލަމުގައި ތަކެތި ގަތުމުގައި ޢަމަލުކުރެވޭ އުސޫލަށް ގެނެވޭ ބަދަލުތަކާއެކު މުޅި ދައުލަތުންވެސް ކަރަންޓު އުފެއްދުމަށް ހޭދަކުރާ މިންވަރު ދަށްކުރެވޭނެކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައިވެސް ތަންފީޒުކުރެވޭ އެއްޗަކަށް ހަކަތަރި ޕްރޮގްރާމް ހެދުމަކީ އަމާޒެއްކަމަށެވެ.
ހަކަތަރި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މިހާރު ދޮންނަ މެޝިނާއި، އޭސީއާއި، އައިސްއަލަމާރި ހިމެނޭހެން 71 މޮޑެލްގެ އިލެކްޓްރޯނިކް މުދާ އެތެރެ ކުރަމުން އަންނައިރު، ގޭބީސީތަކުގައި ބޭނުންކުރާ ފެން ހޫނުކުރާ ވަޞީލަތްތަކާއި، ފެން ޕަމްޕު އަދި ފަންކާއަކީވެސް ހަކަތަ މަދުން ބޭނުންކުރާ ވަޞީލަތްތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ