މޫސުން ގޯސްވެ، ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިއްޖެ

މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭއޮފް ބަންގާލުގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދި އިއްޔެ އިން ފެށިގެން އަންނަ ބުރާސްފަތު ދުވަހާ ހަމަޔަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާ ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ އިދާރާއިން މެޓް އޮފިހުން ލަފާކުރާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގެތަކާއި ފިހާރަ، ގުދަން ފަދަ ތަންތަނުގެ ބޭރުގައި ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްޑީއެންއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރައްކާތެރިވުމަށް އެންޑީއެމްއޭއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވާ ސަހަރައްދުތަކުގައި ސައިކަލުފަދަ ތަކެތި ޕާކު ނުކުރުމާއި، ފިހާރަ، ދުގަން، ރެސްޓޯރަންޓު އަދިވެސް އަގުބޮޑު މުދާ ރައްކާކޮށްފައިވާ ތަންތަނާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ފެންބޮޑުވެ ގެއްލުން ލިބިދާނެ ހިސާބުގައި ހުންނަ ކަށުގެ ބާވަތްތަކާއި ހިފާގެންގުޅޭ (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެންނުޖެހޭ ފަދަ އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނޭފަދަ ތަނަކަށް ބަދަލުކުރުމާއި، ވައިދަ ގަވާނެ ކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ހާއްސަކޮށް ގަދަވައިގެ ސަބަބުން އެއްލާލާފަނެ ފަދަ ތަކެތި ރައްކާތެރި ކުރުން ފަދަ ކަންކަން ހިމެނެއެވެ.
މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ