މޫސުން ތަންނުދޭތީ ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތު އެތެރެއަށް

ފިނިގަދަވެ ސްނޯގެ އުނދަގުލާހެދި މޫސުން ތަންނުދޭތީ އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުވައިކުރުމުގެ ރަސްމިއްޔާތު ކެޕިޓަލް ރޮޓަންޑާގެ އެތެރެއަށް ބަދަލުކޮށްފައި ވާކަމަށް އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ޓްރުތް ސޯޝަލް އެކައުންޓުގައި ވިދާޅުވެފައިވާ ގޮތުގައި، ހުވައިގެ ރަސްމިއްޔާތުގައި ބައިވެރިވާ އެންމެހާ ޢިއްޒަތްތެރިންނާއި މެހުމާނުން ކެޕިޓަލް ބިލްޑިންގ އަށް ވައްދަވާނެކަމަށާއި، ޓީވީން ބަލާ ފަރާތްތަކަށް މިއީ ވަރަށް ރީތި ތަޖުރިބާއަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހޫނުމިނުގައި 18-19 ޑިގްރީ ފަރަނަހައިޓް ހުންނާނެކަމަށް ލަފާކުރެވޭއިރު، ވައިގެ އަސަރާއެކު ހޫނުމިން 5-10 ޑިގްރީއަށް ދަށްވެދާނެކަމަށް ބެލެވެއެވެ. މިއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެންމެ ފިނި ހުވައިގެ ރަސްމިއްޔާތުކަމަށް ވާނެއެވެ. އިރުއޮއްސުމުގެ ކުރިން އާދިއްތަ ދުވަހު ވޮޝިންގްޓަން ޑީ.ސީ އަށް ފިނިކަން ގަދަ ވިއްސާރައެއް އަތުވެދާނެކަމަށްވެސް ލަފާކުރެވެއެވެ.
ހުވައިގެ ރަސްމިއްޔާތު އެތެރެއަށް ބަދަލުކުރެއްވުމަށް ޓްރަމްޕް އެދިވަޑައިގެންފައިވާތީ، ކޮންގްރެސްގެ އިނޯގިއުރަލް ސެރެމަނީސް ކޮމިޓީން އެކަމަށް އެއްބަސްވެފައިވާކަމަށް ކޮމިޓީގެ ތަރުޖަމާނެއް ވިދާޅުވިއެވެ.
އަދި ކެޕިޓަލް ވަން އެރީނާގައި ލައިވްކޮށް މި ރަސްމިއްޔާތު ދައްކާނެ ކަމަށާއި، އެތަނުގައި ރިޔާސީ ޕެރޭޑް ބާއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހުވައިގެ ރަސްމިއްޔާތަށްފަހު އެމަނިކުފާނު އެރީނާއަށް ވަޑައިގެން އާންމު ރައްޔިތުންނާއެކު ރަސްމިއްޔާތު ބައްލަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ވާތަން ދެކެން ބޭނުމެއް ނުވޭ" ކަމަށް ޓްރަމްޕް ޓްރުތް ސޯޝަލްގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސްކަމުގެ ހުވައިގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން، ޓްރަމްޕް އާއި އެމަނިކުފާނުގެ އިދާރާގެ އިސް ބޭފުޅުން ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. އަދި މި އެތެރޭގެ ރަސްމިއްޔާތަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމަށް ސަލާމަތީ އިދާރާތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ