މި އަހަރު ސަބްސިޑީ އާއި އެހީގެ ގޮތުގައި ކުރި ހަރަދު 45 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މާލީ ވުޒާރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގައި ހަރަދުކޮށްފައިވާ އަދަދަށްވުރެ 1.7 ބިލިޔަން ރުފިޔާ އިތުރުވުމެކެވެ.
މިއީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހަރަދުތަކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަބްސިޑީއާއި އެހީގެ ގޮތުގައި މިހާތަނަށް ޖުމްލަ 5.2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދޫކޮށްފައިވަނީ 3.5 ބިލިޔަން ރުފިޔާ އެވެ.
މިއަހަރުގައި އެންމެ ބޮޑު ހޭދައެއް ސަބްސިޑީއަށް ކޮށްފައިވާއިރު، މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.މިއީ މިދިޔަ އަހަރު މިމުއްދަތުގައި ހޭދަ ކުރި 1.2 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން ބުނީ ސަބްސިޑީއަށް ބޮޑު ހަރަދެއްކޮށްފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ހަރަދު ބޮޑުވުމުންކަމަށެވެ. އަދި ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީގެ ސަބަބުން އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
މި އަހަރު ސަބްސިޑީއަށް ކުރި ހަރަދު 45 އިންސައްތަ އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ