މި މަހު ޓޫރިސްޓުން އައި އަދަދު 2.6 ޕަަސެންޓް އިތުރުވެއްޖެ

މި މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މެއި މަހުގެ މިހާތަނަށް ރާއްޖެއަށް 122،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެ އައީ 119،000 ޓޫރިސްޓުންނެވެ. 
މި މަހު އެވްރެޖްކޮށް ދުވާލަކު ރާއްޖެއަށް އައީ 6،200 ޓޫރިސްޓުންނެވެ.
ޓޫރިސްޓުންގެ އަދަދު މި މަހު އިތުރުވާން ފެށި އިރު އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ ހަތަރު ޕަސެންޓް ދަށްވެފަ އެވެ. ރާއްޖެއަށް ޓޫރިސްޓުން އައުން ދަށްވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ޔޫރަޕާއި މެދުއިރުމަތީ ގައުމުތަކުން ގަތަރައި ދުބާއީ މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުންނެވެ. 
އާންމުގޮތެއްގައި ވެސް މެއި މަހު ޔޫރަޕްގެ މަންޒިލްތަކުން އަންނަ ޓޫރިސްޓުން މަދުވެ އެވެ.
މެއި މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ އާއި އޭޝިއާގެ ގައުމުތަކުންނެވެ. އެހެންވެ، މިއީ ވެސް ޓޫރިޒަމް ރަނގަޅު ކަމަށް ހިސާބުތަކުން ދައްކާ އެއް ސަބަބެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 923،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް ރާއްޖެއަށް 965،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 24 ޕަސެންޓް ދަށްވި އިރު މާޗް މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 21 ޕަސެންޓަށް ދަށްވެފަ އެވެ.
މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެގައުމުން 141،000 އަށް ވުރެ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާ އިން ވަނީ 121،000 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 79،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ