އުމްރާނީ ތަރައްގީ އާއި އިގްތިސާދީ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އޭނާ އިސްތިއުފާ ދެއްވިކަން ޕީސީބީން މިއަދު ޔަގީންކޮށްދިން ނަމަވެސް އިސްތިއުފާ ދިން ސަބަބެއް ނުބުނެ އެވެ.
ތަފްސީލް - އަރޫނީއަކީ ފައިނޭންޝަލް ސާވިސްގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ހާވާޑް ލޯ ސްކޫލުން މާސްޓާ އޮފް ލޯ ހާސިލްކުރައްވައިފަ އެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދާ، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބޭންކު އުފެއްދީ މެއި 2024ގަ އެވެ.
އެ ބޭންކު ރަސްމީކޮށް ހުޅުވީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދެ އަހަރުވީއިރު ވެސް ބޭންކުގެ މަސައްކަތްތަކެއް ނުފެށެ އެވެ.
ޑީބީއެމްގެ ވިޔަފާރި ފެށުމަށް އެމްއެމްއޭން ހުއްދަ ދިނީ މި އެ އަހަރުގެ ޖެނުއަރީ މަހު އެވެ. ބޭންކިންގެ މަސައްކަތް ކުރުމަށް އެ ބޭންކަށް ލައިސަންސް ދޫކުރީ 24 އޮކްޓޯބަރު 2024ގަ އެވެ.
އެނގުން މުހިންމު - ޑީބީއެމްގެ ޗެއާޕާސަން އިސްތިއުފާ ދެއްވިއިރު، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ މިދިޔަ އަހަރުގެ މާޗު މަހު އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މުސާރަ ނުލިބޭތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ޓްރައިބިއުނަލުން މައްސަލަ ބާތިލް ކުރި އެވެ.
އެމްޑީއަށް ދޭންޖެހޭ މުސާރައާ ގުޅޭ ގޮތުން ޑީބީއެމް އިން ބުނެފައިވަނީ ޕެޓާސަން-ޖޯންސްއަށް ލިބެން ޖެހޭ މުސާރަ ފުރިހަމައަށް ދީފައިވާނެ ކަމަށެވެ.
ޑީބީއެމްގެ މަސައްކަތް ނުފެށި އުޅެނިކޮށް ޗެއާޕާސަން ވެސް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ