އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ މުދާ، ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކަމުންދާ ފިހާރަތަކަށް ގދ. ގައްދޫ ކައުންސިލުން އިންޒާރު ދީފިއެވެ.
ގައްދޫ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ ބައެއް ވިޔަފާރިތަކުން ކޮންޓްރޯލް މުދާ ވިއްކުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުތަކެއް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ކަނޑައެޅިގެން ގަވާއިދާ ޚިލާފު އަމަލެއްކަން ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، ކޮންޓްރޯލް މުދާ ބަންދުކޮށްގެން (ޕެކެޓްކޮށްގެން) ވިއްކޭނީ އެކަމަށް ހިނގާ ޚަރަދުތަކަށް ބަލައި އަގަށް ބަދަލު ގެނައުމުގެ ހުއްދަ މިނިސްޓްރީން ލިޔުމަކުން ހޯދުމަށްފަހުގައެވެ. އެފަދަ ހުއްދައެއް ނެތި ސަރުކާރުން ކަނޑައަޅާފައިވާ ރޭޓަށްވުރެ އެންމެ ލާރިއެއްވެސް ބޮޑުކޮށް ވިއްކުމަކީ މަނާކަމެކެވެ.
މި ގަވާއިދާ ޚިލާފުވާ ވިޔަފާރިތަކުގެ މައުލޫމާތު އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީއަށް ރިޕޯޓްކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ކުށް ތަކުރާރުކުރާނަމަ ހަ މަސް ދުވަހުގެ މުއްދަތަށް ފިހާރަ ބަންދުކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާކަން ވެސް ކައުންސިލުން ފާހަގަކުރިއެވެ.
އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކޮންޓްރޯލް މުދާ ފޯރުކޮށްދެނީ އެއް އަގަކަށެވެ. އަދި މުދަލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ބޮޑު ހޭދައެއްކޮށް ސަބްސިޑީ ދެމުންގެންދެއެވެ. އެހެންކަމުން، ރައްޔިތުންނަށް ދެވޭ މި ލުއި ނަހަމަ ގޮތުގައި ބޭނުންކޮށް، ބޮޑު އަގުގައި މުދާ ނުވިއްކުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ގައްދޫގައި އަގުބޮޑުކޮށް ކާޑު ވިއްކާތީ ކައުންސިލްގެ އިންޒާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ