ސަރުކާރު މުވައްޒަފުންނަށް 30 މިނިޓް ބަފާ ޓައިމް!
ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓްގެ ބަފަރ ޓައިމެއް ލިބޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.ގަވައިދަށް ގެނައި މި ބަދަލުގައިވާ ގޮތުން ބަފާ ޓައިމް ގެ ގޮތުގައި ބުނެފައި ވަނީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ. އެގޮތުން ކޮންމެ މުވައްޒަފަކަށް ވެސް ރަސްމީ މަސައްކަތު ގަޑިން ފެށިގެން ބަފާ ޓައިމްގެ ގޮތުގައި 30 މިނެޓު ލިބޭނެ އެވެ.އެ ވަގުތިހެ ތެރޭގައި ހާޒިރުވާ ނަމަ އެކަމުގެ ސަބަބު ބަޔާންކޮށް އެ އިދާރާއެއްގެ އެޗްއާރް ސެކްޝަނަށް އަންގަން ޖެހޭނެ އެވެ.ނަމަވެސް ބަފާ ޓައިމްގެ ގޮތުގައި ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވެއްޖެ ނަމަ އެ މުވައްޒަފަކު ގަޑި ޖެހުނުކަމަށް ބަލާނެ ކަމަށް ވެސް ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.މި އިސްލާހު ގެނައި ނަމަވެސް އިސްތިސްނާވާނެ މުވައްޒަފުންތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެ ގޮތުން އޮފީސް ހުޅުވައި ލެއްޕުމުގެ އުސޫލުގެ ދަށުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި ދަންފަޅި އުސޫލު ނުވަތަ ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުން އިސްތިސްނާވެ އެވެ.މީގެ އިތުރުން މިސްކިތު މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް ސީދާ ގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިއާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންވެސް އިސްތިސްނާވެ އެވެ.މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ